މި އަހަރުގެ ދިރާސީ އާ އަހަރަށް ގްރޭޑް އެކަކަށް ވަނުމުގެ ފުރުސަތު ލިބޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ދަރިވަރރރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިހާރު މި ހިނގާ 2023ގެ ދިރާސީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. އަދި މިއަހަރު، 2024ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މެއި 26 ގަ އެވެ.

މި އަހަރުގެ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ސާކިއުލާއެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް ފޮނުވާފަ އެވެ.

ކުދިން މަދަރުސާތަކަށް ވެއްދުމުގައި ބަލާނެ އުމުރުފުރާތަކަކީ:

  • ބޭބީ ނާސަރީ: 2023 ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން
  • ނާސަރީ: 2023 ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން
  • އެލްޖޭޖީ: 2023 ޑިސެމްބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން
  • ޔޫކޭޖީ: 2023 ޑިސެމްބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން
  • ގްރޭޑް 1: 2023 ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

އަދި މިދިޔަ އަހަރު ޔޫކޭޖީ ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް 26 މެއިގައި ފަށާ މި އަހަރުގެ ދިރާސީ އަހަރުގައި ގްރޭޑް 1އަށް ބަދަލުކުރާނެ ކަމަށްވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން 2023 - 2024 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 26 މެއިގައި ފަށާ މި އަހަރުގެ ދިރާސީ އަހަރުގައި ޔޫކޭޖީއަށް ބަދަލުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އަހަރު އެ ސާކިއުލާގައި ވާ ގޮތުގައި ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއްވެސް ކުއްޖަކު އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލެއް ނުކުރެވޭނެ އެވެ.

މީގެ ކުރިން ގްރޭޑު 1 އިން ޖާގަ ދެނީ އެ އަހަރެއްގެ ޖެނުއަރީ 1 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑާ ގުޅީގެން ދިރާސީ އަހަރު އޮގަސްޓުގައި ފަށާގޮތަށް ބަދަލުކުރުމުން ވޭތުވެދިޔަ ދެ އަހަރު، ގްރޭޑް 1 އަށް ކުދިން ވެއްދީ ޑިސެމްބަރުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުންނެވެ.