2021 އަހަރުން ފެށިގެން މިހާތަނަށް، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ދިވެހިންގެ އަތުން 57 މިލިއަންވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިން ބައްދަލުކުރެއްވުމުގައި ފުލުހުން ހާމަކުރި ގޮތުގައި ސްކޭމް މައްސަލަތަކުގެ ރެކޯޑު ބަލަހައްޓަން ފެށުނީއްސުރެ މިހާތަނަށް ގާތްގަނޑަކަށް 57 މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ގެއްލިފައިވާ ކަމަށެވެ. އެގޮތުން ސްކޭމް މައްސަލަތަކުގެ ގޮތުގައި 28،003 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން 2022 ވަނަ އަހަރު ހުށަހެޅުނީ ސްކޭމްގެ 1،087 މައްސަލަ އެވެ. 2023 ވަނަ އަހަރު ސްކޭމްގެ 971 މައްސަލަ ހުށަހެޅުނެވެ. ސްކޭމްގެ މައްސަލަތަކުގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ މިހާތަނަށް 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން ބުނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރާ ސްކޭމްގެ ތެރޭގައި ފްލެޓާއި ބިމާއި ގުޅޭ ފައިސާގެ މުއާމަލާތާއި، އެކި ކަހަލަ ޕްރޮމޯޝަންތައް ހިންގުމުގެ ނަމުގައާއި އޮންލައިން ވިޔަފާރިތަކާއި ޑޮލަރުގެ މުވާމަލާތްތައްތަކުން އޮޅުވާލައިގެން ފައިސާ ހޯދުން ހިމެނޭކަމަށެވެ.

ސްކޭމްގެ މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުމަށްވެސް ފުލުހުން އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން ނެއިބަހުޑް ޕޮލިސްގެ އެހީގައި މައުލޫމާތު ހިއްސާކުރުމާއި އަދި ހޭލުންތެރިކަން އިތުރުކުރުމުގެ އެކިކަހަލަ ޕްރޮގްރާމްތައް ބޭންކްތަކާ ގުޅިގެން ހިންގުން ހިމެނެއެވެ.