ދަރިން ބެލުމަކީ ދެމަފިރިންގެ ޒިންމާއަކަށް ވީނަމަވެސް މިއަދުގެ މުޖުތަމައުގައި އެ ޒިންމާ ބޮޑަށް އަޅުވަނީ އަންހެނުންގެ ބޮލުގަ އެވެ. ނުވަތަ މައިންގެ ބޮލުގަ އެވެ. އާމްދަނީ ހޯދަން މަސައްކަތް ކުރާކަމަށް ބުނެ ބަފައިންނަށް ދަރިން ބެލުމުގެ ޒިންމާ ތަކުން ދޫދެވޭތަން އާދެ އެވެ.

އެހެން ނަމަވެސް އެއާ ޚިލާފައިން ބަފައިން ވެސް ދަރިން ބެލުމުގައި ހިއްސާވެ ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ އާއިލީ ގުޅުން ބަދަހި ވުމުގެ އިތުރަށް އެކަމުން ދަރިންނަށް ވެސް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.

ވިސްނުން ރަނގަޅުކޮށްދޭ

ދަރިންގެ ވިސްނުން ފުރިހަމަވުމުގައި ބައްޕައިންގެ ދައުރު ބޮޑުކަމަށް ދިރާސާތަކުން ދައްކަ އެވެ. ބައްޕައާއެކު ގިނަވަގުތު އުޅޭ 1 އަހަރަށްދާ އުމުރުގެ ކުދިން، ބައްޕައާއެކު ވަގުތު ހޭދަނުކުރާ އެ އުމުރުގެ ކުދިންނަށްވުރެ ވިސްނުން މާބޮޑުތަންވެސް ރަނގަޅު ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ އުމުރުން 3 އަހަރަށް ދާއިރު، ވިސްނުން ފުޅާވެ، މައްސަލަތައް ފަސޭހައިން ހައްލުކޮށް، އައިކިއު ވެސް މަތިވެ އެވެ.

ނަތީޖާ ރަނގަޅު ކޮށްދޭ

ދަރިވަރުންގެ ވިސްނުން ރަނގަޅުވުމަކީ އެދަރިވަރުންގެ ނަތީޖާއަށްވެސް އޭގެ އަސަރުކުރާނެ ކަމެކެވެ. މިގޮތުން ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިން ސްކޫލަށް ދާހިތްވާލެއް ބޮޑުވުމާއި އިތުރު ޙަރަކާތްތަކުގައި ބައިވެރިވާހިތްވުމާއި ސްކޫލަށް ގަވައިދުން ހާޒިރުވާކަން ފާހަގަކުރެވޭކަމަށް މާހިރުން ހާމަ ކުރައްވައެވެ. މިކަމުގެ ނަތީޖާއަކީ ދަރިވަރުންގެ ޢިލްމީ ނަތީޖާ ރަނގަޅުވުމެވެ.

އިޖުތިމާއީ ގުޅުންތައް ރަނގަޅުވޭ

ބައްޕައާ އެކު ގިނަވަގުތު ހޭދަކުރުމަކީ އިދިކީލި އިހުސާސްތަކުން ކުދިން ދުރުކޮށްދޭ ކަމަކަށްވާއިރު، އެކަމުގެ ސަބަބުން ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކޮށްދެ އެވެ. ކުދިންނާ ޖެހޭ މައްސަލަތައް މަދުވެ އަމިއްލައަށް ކަންކަންކުރުމުގެ ހިތްވަރު ލިބި، އަނެކާގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި ފަސޭހަކަމާއެކު އެހީތެރިކަން ހޯދާކަން ފާހަގަ ކުރެވޭކަމަށް މާހިރުން ބުނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ކުދިން އެހެން މީހުންނާ ގުޅި، ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރެވެ.