ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތަކުގެ ކުލި މާދަމާ އިން ފެށިގެން ކުޑަވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ "ހަފުތާ 14"ގެ މަގުޗާޓުގައިވާ ގޮތަށް ހުޅުމާލެ 1ގެ ހައުސިން ޔުނިޓްތަކަށް ކުލީގެ އަދަދުން ކޮންމެ މަހަކު ވެސް 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޑިސްކައުންޓް ދޭނީ އިންސްޓޯލްމަންޓްގެ އަދަދުން ކަމަށާއި ފްލެޓްގެ މެއިންޓެނަންސް ނުވަތަ މެނޭޖުމަންޓް ފީން މި އުނިވުން ނާންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"މި ކޯޕަރޭޝަނަކީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްްކަތްކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއްކަން މި ފުރުސަތުގައި ފާހަގަަކޮށްލަމެވެ،"، އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސޯޝަލް ހައުސިން ޔުނިޓް ނުވަތަ ފްލެޓުތަކުގެ ކުލި ކުޑަ ކުރަން ނިންމި ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މި މަހުގެ ކުރީކޮޅެވެ. އެ ފްލެޓްތަކުން މެއިންޓެނަންސް ފީއާ އެކީގައި 3،000ރ. އިން ފެށިގެން 7،000ރ. އާ ދެމެދުގެ އަދަދަކަށް ކުލި ދައްކަ އެވެ.

ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި، މެއިންޓަނަންސް ފީ ނުލައި 3،984ރ. އަށް މިދިޔަ އަހަރު ފަހުކޮޅު ކުޑަކޮށްދީފަ އެވެ. އަދި ރަށްރަށުގައި ހުރި ރޯހައުސްތަކާއި ފްލެޓްތަކުގެ ކުލި ވެސް 3،330ރ. އަށް ވަނީ ކުޑަކޮށްދީފަ އެވެ.