އުރީދޫ އިން 2024 ގެ ކަލަންޑަރާ އެކު ތައްޔާރުކުރި ގޭމް، "އަތޮޅު ދުވުން"ގައި ފެބުރުއަރީ އަޕްޑޭޓާ އެކު ލީޑަ ބޯޑު ތައާރަފުކޮށްފި އެވެ.

މިހާރު އަތޮޅު ދުވުން ކުޅޭ ފަރާތްތަކުގެ މެދުގައި ލީޑާ ބޯޑު މެދުވެރިކޮށް އެންމެ މަތީ ޕޮއިންޓް ލިބޭ 10 ފަރާތް ފެންނަން ހުންނާނެ އެވެ.

އުރީދޫ މޯލްޑިވްސް އިން މިއަދު މިވަނީ އަތޮޅު ދުވުމުގެ ޕާޓްނަރަކަށް ސެމްސަންގް އައިކަން އިއުލާނުކޮށްފަ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އަތޮޅު ދުވުމުގައި ފެބްރުއަރީ މަސް ނިމޭއިރު ލީޑާ ބޯޑުގެ އެއްވަނައަށްދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 24 އަލްޓްރާ ފޯނެއް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާ ލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. ފެބުރުއަރީ މަހު އަތޮޅު ދުވުން ގޭމުން ފެނިގެން ދާނީ ހދ. ކުޅުދުއްފުއްޓެވެ.