އަންނަ މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް މިހާތަނަށް 1257 މީހަކު ރީ-ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މިހާތަނަށް 1257 މީހަކު ރީ-ރަޖިސްޓްރީވުމަށް ހުށައަޅާފައިވާކަމަށާއި، މީގެތެރެއިން 1060 މީހުން ރީ-ރަޖިސްޓްރީ ކޮށްދީފައިވާކަމަށެވެ. އަދި އެކި ސަބަބުތަކާ ހެދި 197 ހުށަހެޅުމެއް ބަލައިނުގަންނަ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބަށް ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު މި މަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 4:00 އަށް ވަނީ ހުޅުވާލާފަ އެވެ.

އީސީން ބުނި ގޮތުގައި މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ މީހުން އެކަންޏެވެ. ރިސޯޓު، ސިނާއި، ރާއްޖޭންބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ މީހުން އެ މީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނައަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީ-ރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުންނެވެ.