=

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި މާކެޓުކޮށް ޕްރޮމޯޓުކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަވައިފި އެވެ.

"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް" ނަމުގައި އިއްޔެ އުފެއްދެވި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއްކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުތަކުގެ ތެރެއިން އެ ކުންފުނި އުފައްދަވައި އެކަން އިއުލާނުކުރެއްވުމަށް ރިޔާސީ ޤަރާރެއް ރައީސްވަނީ އިއްޔެ ނެރުއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު މަގްސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުންކަމަށެވެ. އެގޮތުން އެކުއަކަލްޗަ އާއި މެރިކަލްޗަ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތް މި ކުންފުނިން ކުރިއަށް ގެންދަވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން އެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، ގައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުމަކީ ވެސް ކުންފުނީގެ މަގްސަދެއްކަމަށް ރައީސް އޮފީހުން ބުނެ އެވެ.