ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އިގުތިސާދީ ހާއްސަ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ބޭނުންވާ ގާބިލުކަން ދާދި އަވަހަށް ލިބޭނެކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ގައުމު ދިފާއުކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭކަމަށެވެ.

"ރާއްޖޭގެ 900،000 އަކަ ކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމާއެކު، ގައުމުގެ ކަންކަން ހިންގުމުގައި ސަރުކާރުން ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާއި ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް'ގެ ސިޔާސަތުކަމަށެވެ. އަދި، ދިވެހި ގައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޤައުމުގެ އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކުރެއްވުމާ އެކު، ޤައުމުގެ ކަންކަން ހިންގެވުމުގައި އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ދިވެހިންނަށާއި ދިވެހި ޤައުމަށް އިސްކަންދިނުމުގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް، އެމަނިކުފާނުގެ ސަރުކާރަކަށް ތާއީދުކުރީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވާލުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސްގެ މަގާމާއި ހަވާލުވުވެވަޑައިގަތުމާއެކު އެމަސައްކަތް ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ދޭދޭ ގައުމުތަކުގެ މެދުގައި މުއާމަލާތުކުރާން އޮތް ޑިޕްލޮމެޓިކް ހަމަތަކުގެ މަތީން މަޝްވަރާތައް ދަނީ ކުރެވެމުން. ރާއްޖޭގައި ތިބި އުތުރުކަރައިގެ ސިފައިން ގެންގޮސްދެއްވުމަށް އެ ކަރައިގެ ސަރުކާރުގައި ވާނީ ދަންނަވާފައި. މިކަމުގެ މަޝްވަރާތައް މިހާރުވެސް ދަނީކުރެވެމުން. އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސްވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޤާއިމްވެތިބި ތިން އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ ދެ ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުތުރުކަރައިގެ ސިފައިން ފޮނުވާލުމުގެ އިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރެހުމަށްކަމަށް ބުނެ، އެ ޤައުމާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމައި، އެކަންވެސް އެ ޤައުމަށް މިހާރު އަންގާފައިވާކަމަށެވެ. އަދި ސަރުކާރު އޮތީ ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ދޫދޭގޮތަކަށް ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.