އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް 3.27ރ. ބަހަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

އިއްޔެ ބޭއްވި އުރީދޫ ޑިރެކްޓަރުންގެ ބޯޓުގެ ޖަލްސާގައި ވަނީ މިދިޔަ ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ އަދަދު އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކޮށްފަ އެވެ.

ޑިރެކްޓަރުންގެ ބޯޑުން މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވަނީ ހިއްސާއަކަށް ތިން ރުފިޔާ 27 ލާރި އެވެ. އުރީދޫގެ ހިއްސާދާރެއްގެ ގޮތުގައި މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މިދިޔަ އަހަރުގެ ޑިވިޑެންޑް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު މި މަހުގެ 21 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި އާންމުކޮށް ޝާއިއުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ މާޗު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރަށް ހުށަހަޅާ ޑިވިޑެންޑް އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކުރުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، ހުށަހެޅިފައިވާ ޑިވިޑެންޑް ހިއްސާދާރުން ފާސްކޮށްފިނަމަ، މިއަހަރުގެ މާޗު މަހުގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.