ރައްޔިތުންގެ މަޖިލީހުން ވަޒީރު ކަމަށް ރުހުން ނުދެއްވި ތިން ބޭފުޅުންނަށް ރުހުން ހޯދަން އަނެއްކާވެސް މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރުހުން ނުދިނުމުން ހަމަ އެ ދުވަހު އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.

މި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް އަލުން މަޖިލީހަށް ފޮނުއްވީ މިއަދު ހެނދުނު އެވެ.

ގާނޫނުއަސާސީގެ 129 މާއްދާގެ (ރ)ގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަނު ކުރައްވާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސް ހުށަހަޅަންވާނެ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ކެބިނެޓްގައި ހިމެނޭ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން އޮންނަން ޖެހޭނެ އެވެ. އެ ރުހުން ނެތި ދާއިމީ ގޮތެއްގައި ކެބިނެޓްގައި އެއްވެސް ވަޒީރަކަށް ނުތިއްބެވޭނެ ކަމަށް، ސުޕްރީމް ކޯޓުން 2010 ގައި ކުރި ހުކުމެއްގައި ކަނޑައަޅާފައިވެ އެވެ.

ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކޮށް ރުހުން ހޯދަން މަޖިލީހަށް ފޮނުވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވެ އެވެ.