އެއްވެސް ގައުމަކާ ކުރިމަތިލާން ބޭނުމެއް ނުވާ ކަމަށާއި ރާއްޖެއާ ދުޝްމަނު ނުވާހާ ހިނދަކު އެއްވެސް ގައުމަކާ ދެކޮޅު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ. ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރި ކަމުގެ މައްޗަށް ކަމަށާއި އެއްވެސް ބަޔަކާ ދުޝްމަނު ކަމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ކުރަން ޖެހެނީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓުމަށް ކުރައްވަން ނިންމެވި ކަމަކާ ދެކޮޅަށް ދިވެހިންގެ ތެރެއިން ބަޔަކު ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއްނެތި ބެލެހެއްޓޭނެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ތިއްބައި ބައެއް ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބލިއްޔަތުކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ވާހަކަ ވިދާޅުވުމުން އެކަމަށް ހަޖޫޖަހައި ވާހަކަ ދައްކަނީ ދިވެހިންގެ ތެރެއިން ގައުމު ދެކެ ލޯބިވާ ބަޔެއްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
"އެހެން ބަޔެއްގެ އެހީތެރިކަމުގައި، އެހެން ބަޔެއްގެ ކިބައިން ތިމާ ބޭނުންވާ މަގުސަދު ހާސިލް ކުރުމަށްޓަކާ ކޮންމެ ފަދަ ކަމެއް ގައުމަށް ވިޔަސް ހެޔޮކަމަށް ތިބި އަދި ކުރީގައި ވެސް މަސައްކަތްކޮށްފައި ތިބިކަން ސާބިތުވެފައި ތިބި ބަޔަކު އެފަދަ ވާހަކައެއް ދައްކަފާނެ،" ރައީސް ވިދާޅުވި އެވެ.