އިންޑިއަން އޯޝަން ކޮންފަރެންސްގައި ރާއްޖެ އިން "އާދައިގެ" ސްޓޭޓް މިނިސްޓަރެއް ބައިވެރިވެވަޑައިގެންފި އެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ ސަމަދެވެ.

އޮސްޓްރޭލިއާގެ ޕާތް ސިޓީގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައެއް އެހެން ގައުމުތައް ތަމްސީލް ކުރެއްވީ ނުފޫޒު ގަދަ، އަދި ވަރުގަދަ ލީޑަރުންނެވެ.

އެގޮތުން ސްރީލަންކާގެ ފަރާތުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވީ އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަ ސިންހަ އެވެ. އިންޑިއާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރް އެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކުން ބައިވެރިވާއިރު، މި ކޮންފަރެންސްގައި، ކޮންމެ ގައުމެއްގެ ވެސް ސަރަޙައްދީ ރައްކާތެރިކަމާއި، ގައުމުތައް އިތުރަށް ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހެގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.