ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ކަސްރަތު ކުރަން ޖެހޭނީ ފަލަކޮށް ތިބޭ މީހުންނެވެ. އަދި ހިކިކޮށް ހުންނަ މީހަކު ކަސްރަތު ކުރަން ދުވަންދާ ވާހަކަ ބުނާއިރަށް ޖޯކު ޖެހި އިރެއްވެސް ދިޔަ އެވެ. ނަމަވެސް މިހާރު މީހުންގެ ހޭލުންތެރިކަން އިތުރުވެ ކަސްރަތު ކުރުމަކީ ކޮންމެ މީހަކުވެސް ކުރުން މުހިއްމު ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ނަމަވެސް އަދި ވެސް އަހަރެމެން ގަބޫލު ކުރަންޖެހޭ އެހެން ހަގީގަތެއް އެބައޮތެވެ. އެއީ ކަސްރަތު ކުރުމަކީ ހަމައެކަނި ބޮޑެތި މީހުން ކުރަން ޖެހޭ ކަމެއް ނޫނެވެ. ކުޑަކުދިންނަށް ވެސް ކަސްރަތު ކުރުމުގެ މުހިއްމުކަން ބޮޑެވެ.
އިނގިރޭސިވިލާތުގައި ދާދިފަހުން ކުރި ސާވޭ އަކުން ދެއްކި ގޮތުގައި 12 އަހަރާއި 15 އަހަރާއި ދޭތެރޭ އުމުރުގެ 17 އިންސައްތަ ފިރިހެން އަދި 16 އިންސައްތަ އަންހެން ކުދިންނަކީ އުމުރަށްވުރެ ބަރުކޮށް ތިބޭ ކުދިންނެވެ. ކުޑަކުދިންގެ ތެރެއިން ހަތަރު ބައިކޮށްގައި ތިން ބައިކުދިންނަކީ އެގައުމުގައި ދުވާލަކު އެއްގަޑިއިރުގެ ކަސްރަތު ވެސް ނުލިބޭ ކުދިންނެވެ.
ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކަށް ބަލާއިރު، ކަސްރަތު ލިބޭ ފަދަ ކުޅިވަރުތަކާ ކުދިން ދަނީ ދުރުވަމުންނެވެ. ކޮމްޕިއުޓަރު ގޭމްތަކާއި ޓީވީ ގޭމްތައް މުނިފޫހިފިލުވުމުގެ ބައިވެރިއަކަށް ވެފައިވުމުން ކަސްރަތު ލިބޭފަދަ ކުޅިވަރުތަކާ ކުދިން ދަނީ ދުރުވަމުންނެވެ. ސިއްހަތު ރަނގަޅު ކާނާގެ ބަދަލުގައި ސަބްމެރިން އާއި ބާގާ ފަދަ ބާވަތްތަކަށް ކުދިން އަންނަނީ ލޯބިޖެހި ދެވިހިފަމުންވެ.
އެހެން ކަމުން ކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައި ދިނުމަށްޓަކައި، ކަސްރަތު ކުރުވަން އާދަކުރަން ޖެހެ އެވެ. މާ ލަސް ނުވަނީސް ކޮންމެވެސް ކުޅިވަރެއްގައި އެކުދިން މަޝްއޫލު ކުރުވާށެވެ.
ކަސްރަތު ކުރުމުން ލިބޭ ޖިސްމާނީ ފައިދާ ތަކުގެ އިތުރުން އެހެން ފައިދާ ތައް ވެސް ކުދިންނަށް ލިބެ އެވެ. ސުކޫލުގައި ފިލާވަޅު ދަސްކުރުމާއި އިމްތިހާނު ތަކުގެ ސަބަބުން ލިބޭ ބޮލުގައި ރިހުންތައް ފިލުވާލައި ކަމަކަށް ކަސްރަތުވެ އެވެ. އަދި ތިމާގެ ދަރިފުޅަށް އިތުރު ރަހްމަތްތެރިން ހޯދުމަށްވެސް ކަސްރަތު އެހީތެރިވެ އެވެ. އޭގެ އިތުރުން ކަސްރަތު ކުރުމުގެ ތެރެއިން ކުދިންގެ ކިބައިގައި ހުންނަ ތަފާތު ހުނަރުތައް ފެނިގެން ދެއެވެ.
ކުޑައިރުން ފެށިގެން ތިމާގެ ދަރިފުޅަކީ ކަސްރަތު ކުރުމަށް ލޯބި ޖެހިފައިވާ ހުރި ކުއްޖަކަށް ހެދިއްޖެނަމަ، ބޮޑު ވުމުން ވެސް އެއާދަތައް ހިފަހައްޓާނެ އެވެ. އެކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ފަލަވުމުން ދިމާވާ އެހެން މައްސަލަތަކުން ސަލާމަތްވުމަށް އެހީތެރިވާނެ އެވެ. ހިނގަންދަމުން ދަރިންވެސް އެކީގައި ގެންދާށެވެ. އަދި ފަތަންދާނަމަ ފަތަން ވެސް ގެންދާށެވެ.