ފޭސްބުކްގައި ތަފާތު ލިއުއްވުން ލިއުއްވާ ބޭފުޅެއް ކަމުގައި މުހައްމަދު މުއިއްޒު އަދުނާނު، 29 ޑިސެމްބަރު 2023ގައި ހިއްސާ ކުރެއްވީ އެމެރިކާއިން ރާއްޖެ ކަނޑައެޅި ފުރަތަމަ ސަފީރު ރާއްޖޭގެ ރަދުންނަށް ފަތްކޮޅު އެރުވުމަށް ކުރެއްވި ޒިޔާރަތުގައި ދެކެވުނު ވާހަކަކެވެ. ހިއްސާ ކުރެއްވީ އޭނާގެ ލޮބުވެތި ބައްޕަ މަރުހޫމު އަދުނާން ހުސޭން ކިއުއްވާ ދެއްވި ގޮތަށެވެ. އޭރު އަދުނާން ހުސޭނަކީ ރަސްގެފާނުގެ ޕްރައިވެޓް ސެކެރޓެރީ އެވެ.

މުއިއްޒު ލިއުއްވާފައި އޮތް ގޮތުން އެމެރިކާގެ ސަފީރު ފަތްކޮޅު އެރުވުމަށް ފަހު ސައިފޮދު ހިއްޕެވުމުގެ ކުރިން ރަސްގެފާނާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި އެދުވަސްވަރު އެމެރިކާގައި ހިނގަމުން ދިޔަ ތަފާތު ކަންތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމުގެ ތެރޭގައި، އެ ގައުމުގައި ހުރި މާ ނަން މަޝްހޫރު ޔަހޫދީ ދީނުގެ ނުޖޫމީ އިލްމުވެރިއެއްގެ ވާހަކަ ދެއްކެވި އެވެ. އޭނާ ބުނިކަމަށް ސަފީރު ވިދާޅުވީ ކުރިޔަށް އޮތް އަހަރު ދުނިޔެ ގިޔާމަތް ވެދާނެ ވާހަކަ އެވެ.

މުއިއްޒު ލިއުއްވާފައި އޮތް ގޮތުން އޭރުގެ ގަނޑުވަރު ތެރޭގެ ޕްރޮޓޮކޯލް ހަމަޖެހިފައި އޮންނަ ގޮތުން އެބާވަތުގެ ބައްދަލުވުމުގައި ސައިފޮދު ގެންނަންދެން ދެކެވޭވާހަކަތަކުގައި ރަސްގެފާނު ވާހަކަފުޅު ދައްކަވާނީ ދިވެހި ބަހުން، ތަރުޖަމާނެއްގެ އެހީގަ އެވެ. ސައިފޮދު ގެނައުމަށްފަހު ރަސްގެފާނު އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވާނެ އެވެ.

ލަފާ ކުރެވޭ ގޮތުގައި ސައިފޮދު ގެނެވުމުގެ ކުރިން އެދެކެވެނީ ރަސްމީ ވާހަކަފުޅުތަކެވެ. އެ ވާހަކަފުޅުތަކުގައި ރަސްމީ ކަންތައް އޮންނަ އުސޫލުގެ ދަށުން ކުރިޔަށް ގެންދަވަނީ އެވެ. ސައިފޮދު ގެނެވުމުން ބައްދަލުވުމުގެ ރަސްމީ ބައި ނިމި، ނުރަސްމީ ވާހަކަފުޅުދައްކަވާއިރު ރަސްގެފާނު ތަރުޖަމާނަކާ ނުލައި ވާހަކަފުޅު ދައްކަވަނީ އެވެ.

ޔަހޫދީ ނުޖޫމީ އިލްމުވެރިޔާއާ ހަވާލާ ދެއްވައި ކުރިޔަށް އޮތް އަހަރު ދުނިޔެ ގިޔާމަތްވާނެ ކަމަށް ސަފީރު ވިދާޅުވުމާއެކު ރަސްގެފާނު ވިދާޅުވި ކަމަށްވަނީ ތިޔަފަދަ ކަންތައްތަކަކީ އުޑުގައި ހިނގާ ކަންތަކެވެ. މަޚުލޫގުންނަކަށް އެނގިގެނެއް ނުވެ އެވެ. ޔަހޫދީން، މީހުން މަގުފުރެއްދުމަށް ދައްކާ ތިކަހަލަ ފުލޯކު ވާހަކަ ތިމަންނަ ކައިރީ ނުދައްކާށެވެ.

މުއިއްޒު އޭނާގެ ބައްޕައާ ހަވާލާދެއްވައި ވިދާޅުވެފައި އޮތްގޮތުގައި ރަސްގެފާނުގެ އެވާހަކަފުޅު ތަންކޮޅެއް ޑިޕްލޮމެޓިކްކޮށް ވިދާޅުވާނެ ގޮތަކާ މެދު ވިސްނާލެއްވުމަށް ކުޑަހިނދުކޮޅަކަށް މަޑުޖެހިލުމާއެކު ރަދުން ވިދާޅުވި އެވެ. ކޮއްކޮއަށް ތިއުޅެނީ ބުނަން ނުކެރިގެން ދޯ އެވެ. ތިމަންނަ ބުނެފާނަމެވެ. ރަސްގެފާނު އެހެން ވިދާޅުވުމާއެކު ރަސްގެފާނު ވިދާޅުވި ގޮތަށް ޕްރައިވެޓް ސެކެރެޓަރީ އަދުނާން ހުސޭން، އަކުރުން އަކުރަށް ސަފީރަށް އެވާހަކަ ދަންނަވައިފި އެވެ. ސަފީރު ވިދާޅުވީ "އައެމް ސޮރީ ޔޯމެޖިސްޓީ" އެވެ. އެހިސާބުން ވާހަކައިގެ މައުޟޫ ބަދަލުވީ އެވެ.

އެއީ މާކުރީގެ ޒަމާނެކެވެ. ރާއްޖޭގައި އާންމު ތައުލީމަކަށް އެއިރު ކިޔަވައި ދެނީ ގުރުއާނެވެ. ސްކޫލުތަކެއް ނުހުރެ އެވެ. ސަރުކާރުގެ ރުހުން އޮވެގެން ބައެއް ބޭބޭފުޅުން ތައުލީމު ހާސިލު ކުރައްވަނީ ރާއްޖެއިން ބޭރުންނެވެ. އެހެން ނަމަވެސް ދައުލަތުގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަށްޓަކައި ތިއްބަވާ ބޭފުޅުންނަކީ އެބޭފުޅެއްގެ ޒިންމާއާ ގުޅޭގޮތުން ފުރިހަމައަށް އުނގެނިވަޑައިގެން ތިއްބަވާ ގާބިލު ބޭފުޅުންކަން، މަތީގައި މި ބަޔާން ކުރެވުނު ވާހަކަކޮޅުން އެކަނި ވެސް އެނގެ އެވެ. ޚާއްސަކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކާ މުއާމަލާތު ކުރުމަށް ދައުލަތް ތަމްސީލުކުރައްވާ ބޭފުޅުން އެބޭފުޅުން ވާހަކަދައްކަވަން ޖެހިވަޑައިގަންނަވާ ބަހަކަށް އަހުލުވެރި އެވެ.

މިއަދު ރާއްޖޭގައި އެންމެ ޒަމާނީ ފެންވަރަށް ކިޔަވައިދޭ ސްކޫލެއް ނެތް ރަށެއް ނެތެވެ. ދަރިވަރުން ހަދަނީ ލަންޑަނުގެ އިމްތިހާނެވެ. ކޮންމެ ދެގޯޅިއަކުން އެއްގޯޅިއެއްގައި ކޮލެޖް އެބަހުއްޓެވެ. އެ ކޮލެޖުތަކުން ދެނީ ބޭރުގެ ޔުނިވާސިޓީތަކުގެ ސެޓްފިކެޓެވެ. ސަރުކާރުގެ ދެ ޔުނިވާސިޓީ އޮންނަނީ ޖާގަ ފުރިފަ އެވެ. ޑިގްރީ އާ ހަމަޔަށް ހިލޭ ކިޔެވެ އެވެ.

ކަން އެހެން އޮތް ކަމަށް ވިޔަސް ރާއްޖޭގެ ނައިބު ރައީސާއި ދައުލަތުގެ ވަޒީރުންނާއި ބައެއް އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ތަމްސީލު ކުރެއްވުމަށް ބައިނަލްއަގުވާމީ މީޑިއާތަކުގެ ކުރިމަތީގައި ވާހަކަ ދެއްކެވި ކޮށި ކަމާއި، ބޭނުންކުރެއްވި ކުށް ބަސްބަހާ މެދު އާންމުންގެ ފާޑުކިއުން މިވަނީ އަމާޒުވެފަ އެވެ. އެބޭފުޅުން އެ ތަމްސީލު ކުރެއްވީ ދިވެހި ގައުމުގެ ތައުލީމީ ހާލަތުކަމަށް ވަންޏާ އެ ހާލަތާ މެދު ކަންބޮޑު ނުވާންވީ ސަބަބެއް ނެތެވެ. ގިނަ ބަޔަކުކުރަމުންދާ ސުވާލަކީ ދިވެހި ދައުލަތް ރާއްޖެއިން ބޭރުގައި ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ބޭބޭފުޅުން އެ ދައްކަވަނީ ރާއްޖޭގެ ފެންވަރު ބާވަ އެވެ. ނުވަތަ ގާބިލު ނޫން ބަޔަކަށް މަސްއޫލިއްޔަތު ހަވާލު ކުރެވުނީ ބާވަ އެވެ.