އޮލިމްޕަސް ސްކްރީނުގައި މިފަހުން އެޅުވި އެންމެ މަގްބޫލު ލޯބީގެ ފިލްމު "ނޮވެމްބަރު" މާދަމާ 12:00 ގައި ޕްރިމިއާކޮށް މީޑިއާނެޓުގެ ވީޑިއޯ ކްލަބް ޚިދުމަތް މެދުވެރިކޮށް ޓީވީ އަދި ފޯން ސްކްރީންތަކުން ބަލާލެވޭނެ އެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ނޮވެމްބަރު" އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ވީޑިއޯ ކްލަބްގެ އެމް-އޮރިޖިނަލްސް ބެނާގެ ދަށުން އުފެއްދި އެންމެ ފުރަތަމަ ފިލްމު "މަރިޔަމް" ގެ ބަތަލާގެ ރޯލުން ވެސް ފެނިގެންދިޔަ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް އެވެ. މި ފިލްމުގެ ޚާއްސަ ރޯލަކުން ދިވެހި ފިލްމީ ދާއިރާގެ އަބަދަށްފެހި ތަރި އިސްމާއިލް ވަޖީހު ވެސް ފެނިގެންދާނެ އެވެ.

މާލެ، ލ. އަތޮޅު އަދި ރާއްޖެއިން ބޭރުން ސިންގަޕޫރުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ، ރީތި ލަވަތަކެއް ހިމެނޭ އަދި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން އެންމެ ބޮޑު ބަޖެޓެއް ޚަރަދުކޮށްގެން އުފައްދާފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެ އެވެ.

މި ފިލްމު ވީޑިއޯ ކްލަބަށް ނެރުމަށް ހަމަޖެހިފައިވާ ތާރީޚު 14 ފެބްރުއަރީއަކީ ވީޑިއޯ ކްލަބްގެ އަހަރީ ދުވަހެވެ. އެމްއެސް ވީޑިއޯ ކްލަބުން އަންނަނީ ފާއިތުވި އަހަރުތަކުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އެމް-އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހި އަމިއްލަ އުފެއްދުންތައް ކަމުގައިވާ ފިލްމާއި ސީރީޒް މި ޕްލެޓްފޯމް މެދުވެރިކޮށް އަންނަނީ ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ.

މީޑިއާނެޓުގެ އެމްއެސް ޓީވީ އަދި އެމްއެސް ލައިޓް ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް ވީޑިއޯ ކްލަބް ޚިދުމަތައް ސަބްސްކްރައިބް ކުރެވޭނެ އެވެ. އެންޑްރޮއިޑް ސްމާޓް ޓީވީ ގެންގުޅޭ ފަރާތްތަކުން ޑީކޯޑަރަކާ ނުލާ ސީދާ އެޕްލިކޭޝަން ޓީވީއަށް ޑައުންލޯޑް ކޮށްގެން ވެސް ވީޑިއޯ ކްލަބްގެ ކޮންޓެންޓް ބަލާލެވޭނެ އެވެ. ހަމައެހެންމެ އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން މި ކޮންޓެންޓް ބެލޭނެ އެވެ.

ވީޑިއޯ ކްލަބުން އަންނަނީ ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން އެހެން ގައުމުތަކުގެ ފިލްމާއި ސީރީޒް ވީޑިއޯ ކްލަބް ކޮންޓެންޓް ލައިބްރަރީގައި ހިމަނަމުންނެވެ. އެގޮތުން ޒީ5 އޮރިޖިނަލްސްގެ ސީރީޒްތަކާއި އެހެނިހެން ހިންދީ، އިނގިރޭސި އަދި ޓާކިޝް ސީރީޒް އާއި ކާޓޫން ސީރީޒްތައް ހިމެނެ އެވެ.

މީޑިއާނެޓުގެ ކުއިކްޕޭ ޕޯޓަލް މެދުވެރިކޮށް ވީޑިއޯ ކްލަބް ސަބްސްކްރިޕްޝަނެއް ނެގޭނެ އެވެ.