ގަލޮޅު ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިކްޓްރީ ސްޕޯޓްސް ކްބަލަބާއި ކުޑަހެންވޭރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗްގެ ކުޅުން ކުރިއަށްދަނިކޮށް ބަޔަކު މީހުން ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގައި ވިކްޓްރީގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު މާރާމާރީ ހިންގި މައްސަލާގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާރާމާރީ ހިނގީ ދެވަނަ ޑިވިޝަނުގެ ކުއާޓަ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެގޮތުން އެ މެޗުގެ 81 މިނެޓުގައި ކުޅުން ހުއްޓައިލި އެވެ.

އޭގެފަހުން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ.

އެ ހަމަނުޖެހުމުގައި ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމްގެ އަނގަމަތި ވަނީ ފަޅާލައިފަ އެވެ.