މަޝްހޫރު އެކްޓަރު ދީޕިކާ ޕަޑުކޯންއަކީ އިންޑިއާގައި ގިނަ ބަޔަކު އެންމެ ލޯބިކުރާ ކުޅަދާނަ އެކްޓަރެކެވެ.

ގިނަ އަދަދެއްގެ ރީތި ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ދީޕިކާގެ ރީތިކަމާއި އޭނާގެ އެކްޓްކުރުުގެ ހުނަރަކީ އެހެން އެތައް ފަންނާނުންނަށް ވުރެ ބޮޑަށް ދީޕިކާ ހާއްސަ ކޮށްދޭ ކަމެކެވެ. އަދި އޭނާއާ ގުޅޭ ކޮންމެ ކަމަކީ ވެސް ބެލުންތެރިން އެނގެން ބޭނުންވާ ކަންކަމެވެ.

40 ފިލްމަށް ވުރެ ގިނަ ފިލްމު ކުޅެދީފައިވާ ދީޕިކާ ގާތުގައި، އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ހާއްސަ، މަގާމެއް ދެވިފައިވާ ފިލްމަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބުދެމުން ދީޕިކާ ވަނީ އެ މައުލޫމާތު އާންމުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ހާއްސަ މަގާމެއް ދެވިފައިވާ ފިލްމަކީ "ކޮކްޓެއިލް" ކަމަށް ދީޕިކާ ބުނެފައިވެ އެވެ.

ދީޕިކާ ބުނިގޮތުގައި އޭނާއަށް އެ ފިލްމު ހާއްސަވަނީ ގިނަ ސަބަބުތަކަކާ ގުޅިގެންނެވެ. އެއިން އެއް ސަބަބެއްގެ ގޮތުގައި ދީޕިކާ ފާހަގަކޮށްފައިވަނީ، ފިލްމުގައި ހިނގައި ދިޔަ ކަންކަމަކީ އޭނާގެ ހަޔާތުގައި މީގެ ކުރިން ހިނގައި ގޮސްފައިވާ ކަންކަމަށް ވުން ކަމެވެ. ވުމާއެކު އެ ރޯލު އަދާކުރުމަކީ އޭނާއަށް ވަރަށް ބޮޑަށް އަސަރުކުރުވި ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

ފިލްމު ކޮކްޓެއިލްއިން ދީޕިކާ ކުޅެދީފައިވަނީ ނާކާމިޔާބުވި ލޯބިވެރިއެއްގެ ރޯލެވެ. އެ އިންޓަވިއުގައި ދީޕިކާ ފާހަަގަކޮށްފައިވަނީ އޭނާގެ ފިލްމީ ކެރިއަރުގައި އެކްޓަރު ރަންބީރު ކަޕޫރާއި އޭނާއާ ދެމެދު އޮތް ލޯބީގެ ގުޅުމަށެވެ.

ދީޕިކާ ބުނިގޮތުގައި އެކަމުގެ ސަބަބުން އޭނާ ނަފްސާނީ ބައްޔަށް ފަރުވާކުރާ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދަން ވެސް ޖެހުނެވެ.