ހައި ކޯޓުގައި ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް، ރަސްމީ ގަޑި ނިމިގެން އެ މައްސަލަތަކުގެ އަޑުއެހުން ތާވަލުކޮށްގެން ކުރިއަށް ގެންދަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ހައި ކޯޓުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް، ހާއްސަ މަސައްކަތްތަކެއް ކުރަން އެ ކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ހައި ކޯޓުން ބުނި ގޮތުގައި އެ މައްސަލަތައް ނިންމުމަށް ކޮންމެ ދުވަހަކު ވެސް މިހާރު ރަސްމީ ގަޑި ނިމޭ ވަގުތު ކަމަށްވާ މެންދުރު ފަހު 2:15 ގައި ދުވަސްވީ މައްސަލަތަކުގެ އަޑުއެހުން ބާއްވަން ހާއްސަ ސްލޮޓެއް ވަނީ ކަނޑައަޅައިފަ އެވެ.

އެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމަށެވެ. އެ ގޮތުން އެ މަރުހަލާގައި އިސްކަން ދޭނީ 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން ބުންޏެވެ.