ރައީސް މުހައްމަދު މުއިއްޒަކީ "މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި މީހުންގެ ތެރެއިން އެންމެ ނުބައި ވެރި މީހާ" ކަމަށް ބުނި ކުރީގެ އެކްޓަރު އަލީ ޝިޔާމަށް އިންޑިއާ އެމްބަސީގެ އިސް ވަޒީފާއެއް ހަމަޖައްސަވައިފި އެވެ.

ޝިޔާމަށް ދިނީ އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާޑް ސެކްރެޓަރީގެ މަގާމެވެ. ޑިޕްލޮމޭޓުން ވަޒީފާއަށް ފޮނުވުމުގެ ކުރިން ފޮރިން މިނިސްޓްރީން ކުރިއަށްގެންދާ އޮރިއެންޓޭޝަން ސެޝަންތަކުގައި އޭނާ މިހާރު ދަނީ ބައިވެރިވަމުންނެވެ.

ޝިޔާމަށް މި ވަޒީފާ ދީފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު އެކްސްގައި ކުރިޕޯސްޓެއްގައި އޭނާ ބުނެފައިވަނީ "މުއިއްޒަކީ އަހަރެންގެ ހަޔާތުގައި ދުށް އެންމެ ޖައްބާރު، ނުބައި މީހާ" ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ފެބްރުއަރީ 5، ގައި ޝިޔާމް ބުނެފައި އޮތީ "ހައްގު ގޮތުގައި ހުންނަ ވެރިއަކު މީހަކު ބުނާ އެއްޗަކުން ބަދަލު ނުހިފާނެ" ކަމަށެވެ.

އެކްޓަރު ޝިޔާމަށް އިންޑިއާ އެމްބަސީގެ ތާޑް ސެކްރެޓަރީގެ މަގާމު ހަމަޖެއްސިއިރު، ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް ފިލްމީ ތަރީ އަލީ ސީޒަން ވަނީ ހަމަޖައްސައިފަ އެވެ. ސީޒަންއަށް އެ ވަޒީފާ ދިނުމުން އާންމުންގެ ފަރާތުން ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި އެވެ.