މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމް އަށް ބޭފުޅަކު އައްޔަން ކުރަނީ މިދިޔަ އަހަރު ޖެނުއަރީ 8 ގައި ކޮމިޝަންގެ މެމްބަރަކަށް ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެތެރެއިން ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ތިން ނަމެއް ފޮނުވާފައިވެ އެވެ.

އެއީ:

އައިމިނަތު ނުޒުހާ – ރިވޯޑް، ހއ. ހޯރަފުށިހުސެއިން އަމްރު – ވ. ރޯޝަންމަރިޔަމް ނަރީމާން ޝަރީފް – މުޝްތަރީގެ، ގދ. ތިނަދޫ

ނުޒުހާގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ 34 މެންބަރުން އިއްތިފާގުންނެވެ. އެ ނަން ފާސްވުމާ ގުޅިގެން އިތުރު ބޭފުޅެއްގެ ނަމަކަށް ވޯޓެއް ނާހަ އެވެ.

ބްރޯޑްކޮމްގެ މިހާރުގެ ރައީސަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސަކީ މުހައްމަދު ފަޒީން އެވެ. ދެން އެ ކޮމިޝަންގައި ތިއްބަވަނީ އަލީ ޔޫސުފާއި އާމިނަތު އަމީނާއި ޝިފްލާ އިބްރާހިމް އަދި ސޮފާ ޝަފީގެވެ.