ދަރިމައިވުމުގެ މައްސަލަތަކާއި ގުޅިގެން ދޭ އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރުކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު އާންމު ކޮށްފި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އަންނަ މަހުގެ 15 އިން ފެށިގެން އައިވީއެފް ހެދުމަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

'އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު'ގައި، އެ ހިދުމަތް ދެވޭނެ މީހުންނާއި ހިދުމަތް ދެވޭނެ މީހުންގެ ޝަރުތުތައް ބަޔާން ކޮށްފައިވެ އެވެ. އަދި، ފަރުވާ ހުއްޓާލެވޭނެ ހާލަތްތަކާއި ފަރުވާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ގޮތުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.

އެގޮތުން އައިވީއެފް ފަރުވާއަށް އެދެވޭނެ މީހުންގެ ޝަރުތުތަކަކީ:

  • އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރުވެފައިވުން
  • ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައިވުން
  • ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ދަރިމައިވުމަށް ނުކުޅެދިފައިވާތާ ތިން އަހަރުވެފައިވުން
  • ދަރިމައިވުމުގެ އެހެނިހެން ފަރުވާތައް ކާމިޔާބުނުވެ، އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް އެކަމާ ގުޅޭ ސްޕެޝިލިސްޓަކު ލަފާދީފައިވުން
  • ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުމާއި، ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށް ނުވުން
  • ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން އަދި، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން
  • ފަރުވާ ފަށާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ ހަ މަސް ދުވަސް ވެފައިވުން
  • ދެމަފިރިން ކުރެ އެއްވެސް މީހަކީ ޖިނާއީ ކުށެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން
  • އައިވީއެފްގެ ސްކީމުން މީގެ ކުރިން އެހީ ލިބިފައިވާ މީހަކަށް ނުވުމާއި، އައިވީއެފްގެ ތިން ބުރު ހަމަވެފައިވާ މީހަކަށް ނުވުން

އުސޫލުގައި ވާގޮތުން ކޮންމެ އަހަރެއްގެ ބަޖެޓުގައި، އެ ހިދުމަތަށް އެ އަހަރެއްގައި ހަރަދުވާނެ މިންވަރު ސްކީމް ބޯޑުން ހިމަނަންވާނެ އެވެ. އެ ބަޖެޓަށް ރިއާޔަތްކޮށް އެހީ ފޯރުކޮށްދޭނެ މީހުންގެ އަދަދާއި އެހީއަށް އެދި ހުށަހަޅަން ހުޅުވާލާ މުއްދަތު ކަނޑައަޅާނީ ވެސް ސްކީމް ބޯޑުންނެވެ.

ކޮންމެ އަހަރެއްގައި ވެސް އެ އެހީ ފޯރުކޮށްދޭނެ މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން، ފޯމު ހުށަހަޅާ މީހުންގެ ފޯމުތަކަށް ބެލުމަށް ފަހު، އުސޫލުގައިވާ ޝަރުތުތަކާއި، ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެ އެންމެ މަތިން ޕޮއިންޓު ލިބޭ މީހުންނަށެވެ. މިގޮތަށް ޕޮއިންޓު ދިނުމުގައި ދެމަފިރިންގެ އުމުރާއި ކައިވެނީގެ މުއްދަތުގެ އިތުރުން އާންމުދަނީ ލިބޭ މިންވަރަށް ވެސް ސްކީމް ބޯޑުން ރިއާޔަތް ކުރަންޖެހެ އެވެ.

މިކަމާ ގުޅިގެން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ މިކަމަށް ބޭނުންވެފައިތިބި އެތައް ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި މި އުސޫލު ބައްޓަން ކުރެވިފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް މި ހިދުމަތް ލިބޭގޮތަށް ކަމަށާއި އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގްބަލެއްގައި ރާއްޖޭގައި ނެޝަނަލް ފަރޓިލިޓީ ކެއަ ސެންޓަރެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

މި އުސޫލުގެ ދަށުން އެހި އަށް އެހީއަށް އެދުމުގެ ފުރުސަތު 15 މާޗް އިން ފެށިގެން ހުޅުވާލާނޭކަމަށް އެންސްޕާ އިން ބުނެއެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ކަމެކެވެ.