ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ޝާހިދުގެ މި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އއ. އުކުޅަހަށެވެ.

ޝާހިދުގެ މި ދަތުރަކީ މަޖިލިހުގެ އިންތިހާބުގައި ތޮއްޑޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ހުސެއިން ސަމީރުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

އުކުޅަހުން ޝާހިދުއަށާއި އެމްޑީޕީގެ ޓީމަށް މަރުހަބާ ވިދާޅުވީ ސަމީރުގެ އިތުރުން އުކުޅަސް ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމާއި ދާއިރާގެ އެމްޑީޕީ ކެމްޕެއިން ޓީމުންނެވެ. އުކުޅަށް ވަޑައިގަތުމަށް ފަހު ޝާހިދު ވަނީ އެ ރަށު ބަނދަރު މަތީގައި އެމްޑީޕީގެ ދިދަ ނަންގަވައި ދެއްވައިފަ އެވެ.

އަދި މިސްރާބު ހަމަމަގަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ކެމްޕެއިން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކެމްޕެއިން ޓީމާ އެކު މަޝްވަރާ ކުރެއްވި އެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ސަމީރާއި އެމްޑީޕީގެ ކެމްޕެއިން ޓީމުން ދެންނެވި މަރުހަބާއަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. ޝާހިދު ވަނީ މިސްރާބު ހަމަ މަގަށް އެޅުވުމަށް ސަމީރަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.