އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބު އަހުމަދު އުޝާމް ލަފާދެއްވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރައްވައިފި އެވެ.
މި ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިހުގެ އިންތިހާބު ބޭއްވުމަށެވެ. އެކަމަކު، މަޖިލިހުގެ އިންތިހާބު ދެން ބާއްވަން ޖެހޭނީ އޭޕްރީލްގެ ފަހު ކޮޅެވެ.
ރައީސް ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އަލުން ކަނޑައަޅަން ޖެހޭނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް މުއިއްޒު އެންމެ ފުރަތަމަ ތަސްދީގެއް ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުވާލެއްވި އެވެ.
ބިލް ތަސްދީގު ނުކުރަން ރައީސް ޑރ. މުއިއްޒު ނިންމެވި ސަބަބުތަކުގެ ތެރޭގައި މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓް ކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުމާއި އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ "ފޯކަލް ޕޮއިންޓް" ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލް ޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން، ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުން ހިމެނެ އެވެ.
އަދި ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ބުނެފައިވީ ނަމަވެސް ބިލުގައިވާ ގޮތަށް އިންތިހާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އިންތިހާބުގެ ހުރިހާ ކަންކަން ނިންމާ ނުލެވުމުގެ އިހްތިމާލު އޮތުމުން އެފަދަ ބިލުގައިވާ ގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ޚިލާފުވާނޭ ކަމެއް ކަމަށް ފާހަގަ ކުރިއެވެ.
ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނެފައިވީ ނަމަވެސް އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހް ބަދަލުކުރުމަކީ އިންތިހާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މަޖިލިހަށް ބިލް އަނބުރާ ފޮނުވާލެއްވުމުން، މަޖިލިހުގެ އިއްޔެގެ ޖަލްސާގައި އެ ބިލް ފާސް ކުރީ އެއްވެސް ބަދަލެއް ނުގެނެސް އެވެ. ގާނޫނުއަސާސީގައި އޮންނަ ގޮތުން ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.