މާޗު މަހު އަތޮޅު ދުވުން ކުޅެގެން ލީޑަބޯޑުގެ އެއްވަނާގައި ހިމެނޭ ފަރާތަށް އުމްރާ ދަތުރެއް އުރީދޫން ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ.

އުރީދޫގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެ އެވެ.

ގޭމްގެ މާޗު އަޕްޑޭޓް މިރޭ 12 އިން ފެށިގެން ލިބޭނެ އެވެ. އެޕަލް އެޕްސްޓޯރު އަދި ގޫގުލް ޕްލޭސްޓޯރު އިން ވެސް "އަތޮޅު ދުވުން" ޑައުންލޯޑު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަތޮޅު ދުވުމުގެ މާރިޗު މަހުގެ ޕާޓްނާއަކީ ގިބްލަ ހައްޖު އެންޑް އުމްރާ އެވެ. މި ޕާޓްނާޝިޕުގެ ދަށުން އުރީދޫއާޢި ގުޅިގެން މިމަހުގެ ލީޑަބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް (ދެމީހަކަށް) ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ. މީގެ އިތުރުން ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗާ ލިބުމުގެ ފުރުސަތު ވެސް މިމަހު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނީ މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކު ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ. މިއަހަރުގެ ކަލަންޑަރު އަދި ގޭމް ތައްޔާރުކުރައްވާފައި ވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުން،" އުރީދޫން ބުންޏެވެ.

މާޗު މަހުގައި އަތޮޅު ދުވުމުގައި ފެނިގެންދާނީ ނ. ލަންދޫ އެވެ. ލަންދޫ އަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެކެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ކުއްޅަވަށް އުފެދޭ އަދި ކުއްޅަވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށަކީ ވެސް ނ. ލަންދޫ އެވެ.