ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލުތަކެއް ގާނޫނަކުން ކަނޑައަޅާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ފޮނުވަން ނިންމި ބިލުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލްތައް ކަނޑައެޅުމުގެ ބިލެވެ.

މީގެ އިތުރުން ޖުމްލަ 32 ބިލެއް މަޖިލީހަށް ފޮނުވަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން އުވާލުމުގެ ބިލާއި ދިރޭ ޖަނަވާރު ރައްކާތެރިކުރުމުގެ ބިލު، ހެއްކާ ބެހޭ ބިލު ފަދަ ބިލުތަކެއް ހިމެނެ އެވެ.

ކޮވިޑް ވެކްސިން ދިނުމުގެ އުސޫލު ކަނޑައެޅުމުގެ ބިލެއް މަޖިލީހަށް ފޮނުވާއިރު، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެ ވެކްސިން ދޭން ވަނީ ފަށައިފަ އެވެ. މިގޮތުން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުންނަށް އެ ވެކްސިން ވަނީ ދީފަ އެވެ.