މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތަރު ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 423،863 އަށް އަރަ އެވެ. މިއީ އޭގެ ކުރީ އަހަރާ ބަލާ އިރު، %16.9 ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 362،559 ފަތުރުވެރިންނެވެ.
މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް:- ޖެނުއަރީ: 192،385 ފަތުރުވެރިން- ފެބްރުއަރީ: 217،394 ފަތުރުވެރިން- މާޗް: (ހޮނިހިރު ދުވަހުގެ ނިޔަލަށް): 14،084 ފަތުރުވެރިން
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 12.9 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނައިގައި ރަޝިއާ އުޅޭ އިރު، ތިން ވަނައިގައި އުޅެނީ އިޓަލީ ފަތުރުވެރިންނެވެ.
މިދިޔަ އަހަރު އެއްވަނައިގައި އުޅުނު އިންޑިއާ މިހާރު އުޅެނީ ފަސް ވަނައިގަ އެވެ.
މި އަހަރު އެއްވަނައިގައި އޮތް ޗައިނާ އިން މިހާތަނަށް އައިއިރު، 54،719 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ދެވަނައިގައި އޮތް ރަޝިއާ އިން 41،582 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އިޓަލީން 39،962 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ހަތަރު ވަނައިގައި އޮތް އިނގިރޭސި ވިލާތުން ރާއްޖެ އައީ 37،942 ފަތުރުވެރިންނެވެ.
އިންޑިއާ އިން ރާއްޖެ އައިސްފައި ވަނީ 27،224 ފަތުރުވެރިންނެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އެކަމަކު، ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާފައި މި އަހަރު، އެ އަދަދު ފަހަނަ އަޅައި ގޮސް 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.