ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި މިއަދު ބުނީ އެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓް، އެ ކޮމިޝަނުގެ ވެބްސައިޓް، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މީގެއިތުރުން VR ޖަހާފައި ހުސްޖާގައެއް ދޫކޮށްލުމަށް ފަހު އައިޑީކާޑު ނަމްބަރު 1414 އަށް އެސްއެމްއެސް ކުރުމުން އެ މީހަކު ރަޖިސްޓްރީވެފައިވާ ތަނެއް ބެލޭނެ ކަމަށް އިއުލާންގައިވެ އެވެ.

ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައި ނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން ޝަކުވާ ބަލައިގަންނަނާނެ އެވެ.

ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ.