މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ހިފައިގެން ފަޅުރަށަކަށް ދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ ހަތަރު ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

މ. މުލި ޕޮލިސް ސްޓޭޝަނާއި މ. ކޮޅުފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށްފައިވަނީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންނެވެ.

އެމީހުން ހައްޔަރުކޮށް، އެމީހުން ދަތުރުކުރި ލޯންޗާއި އެމީހުން ގެންގުޅުނު ތަކެތި އަދި އެމީހުންގެ ހަށިގަނޑު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 35 ފުޅި ބަނގުރާ ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން 10 މީހުން ހައްޔަރުކޮށްފައިވެ އެވެ. އަދި ލޯންޗު ބަލައި ފާސްކޮށް އެ މީހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 33 އަހަރާ ދެމެދުގެ މީހުންނެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ބައެއް މީހުން ދޫކޮށްލައި އަދި ދެންތިބި މީހުން ތިންދުވަހާއި ފަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.