ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ދ. މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކާ ގުޅިގެން، ބާރުވެރިކޮށްގެން މަސައްކަތް ކުރުން ކަމަށެވެ.
"ކައުންސިލްތަކުގެ އިމާރާތްތައް ހަދައިދޭން ވެސް ބޭނުން ވަނީ އެހެންވެ. ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ރަށްތައް ދޭން ވެސް މި ނިންމީ އެހެން ވެގެން. އެހެންވެ ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދީގެން، ރައްޔިތުންނަށް ވެސް ބާރުވެރިކަން ލިބިގެންދާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކަށް ފިޔަވަޅު އަޅައި، ހުރަސްތައް ކުރިމަތިކޮށް ދަތިކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.
"އެކަހަލަ އެއްވެސް ކަމެއް އެލްޖީއޭ އިން ކުރުމަކީ ވެސް އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން. އެ ކަހަލަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން އެއްވެސް ކައުންސިލަކަށް ކުރިމަތި ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.
ކައުންސިލްތަކަކީ ފުރިހަމަ މިނިވަންކަމާ އެކު، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރާ ބައެއް ކަމުގެ ފުރިހަމަ ހައިސިއްޔަތު ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އެގޮތަށް ވިދާޅުވި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ނ. ކެނދިކުޅުދޫ އަށް ވަޑައިގެން އެ ރަށުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައި ސަރުކާރު ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރާ ކަމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެލްޖީއޭ އިން ވަނީ އެ ބަޔާނަކީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ ބަޔާން ބާތިލް ކުރުމަށް އަންގައިފަ އެވެ. އެކަމަކު ކައުންސިލުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަޔާން ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެލްޖީއޭގެ ސީއީއޯ އަކަށް ބޭފުޅަކު އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސް މުއިއްޒު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޑރ. މަރިޔަމް ޒުލްފާ އެވެ.