ބޮލީވުޑްގައި މަޝްހޫރު ދެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފް ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

އޭގެ ފަހުން އެ ދެ މީހުންގެ ލޯބީގެ ވާހަކަތައް މީޑިއާ އާއި އެ މީހުން ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ. ވިކީ އާއި ކެޓްރީނާ އަކީ ބޮލީވުޑްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑެވެ.

ދާދި ފަހުން ކެޓްރީނާ ވަނީ އޭނާގެ ފިރިމީހާގެ ފަރާތުން ލިބޭ އަޅާލުމާއި، ލޯބިންކޮށްދޭ ކަންކަން ސިފަކޮށްދެމުން، ކެޓްރީނާއަށް ނިދަން އުނދަގޫވެއްޖެނަމަ، އޭނާގެ ފިރިމީހާ ލަވަކިޔައިދީ ހަދާކަންވެސް ހާމަކޮށްފަ އެވެ.

"ވިކީ އަކީ ލަވަކިޔުމާއި ނެށުމަށް ފޯރި ހުންނަ މީހެއް. އަދި އެތައް ފަހަރަކު އަހަންނަށް ނުނިދިގެން އުޅޭ ވަގުތުތަކުގައި އަހަރެން އަބަދުވެސް އޭނާ ކައިރީ އެދެން ލަވައެއް ކިޔައި ދިނުމަށް،" ކެޓްރީނާ ދިން އިންޓަވިއުއެއްގައި ފާހަގަކޮށްފައިވެ އެވެ.

ކެޓްރީނާ ބުނީ ވިކީ އަކީ ރީތިކޮށް ލަވަކިޔާ މީހެއް ކަމަށެވެ. އަދި ދެ މީހުން އެކުގައި ވަރަށް ގިނައިން ނަށާ ހަދާ ކަމަށާއި ދެ މީހުންގެ އުފާވެރި ވަގުތުތައް ވަރަށް ގިނައިން ނެށުމުގައި ހޭދަކުރާ ކަމަށް ބުންޏެވެ.