ހުޅުމާލޭގައި އާންމުކޮށް އެކްސިޑެންޓު ހިނގާ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފުލުހުން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ އޭރިއާގެ ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއްގައި އަދި ދޭއްގައި ވެސް އެންމެ ކަންބޮޑުވަނީ އެކްސިޑެންޓްގެ މައްސަލަތަކާ ހެދި ކަމަށެވެ.

ހުޅުމާލޭގައި ފަހަކަށް އައިސް ވަރަށް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެފަދަ އެކްސިޑެންޓްތަކުގައި އަނިޔާވެ ފުރާނައަށް ނުރައްކާވެފައިވާ މީހުންނަށް މިހާރުވެސް ފަރުވާދެމުން އަންނަ ކަމަށް ރަޖްނީ ވިދާޅުވި އެވެ.

ރަޖްނީ ވިދާޅުވިގޮތުގައި މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އެކްސިޑެންޓް ހިނގާ ބައެއް ޕޮއިންޓްތަކުގައި ރޯޑް ޑިވައިޑަރު ޖަހާ، ސްޕީޑް ބްރޭކަރުތައް ބަހައްޓާ، ލޭންތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެވެ.

އެ މަސައްކަތް ކުރަމުންދާނީ މާލެސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި އެޗްޑީސީ ބައިވެރިވުމާއެކު އެވެ.

ރަޖްނީ ވިދާޅުވީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފާއިތުވި ދެ މަހު 150 ވަރަކަށް އެކްސިޑެންޓް ހިނގާފައިވަ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް ނުރައްކާތެރިކޮށް ދުއްވާ ވެހިކަލްތައް ހުއްޓުވާ އުޅަނދުތައް ޓޯކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.