ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯގެ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމުގެ މަސައްކަތް ފަށައިފި އެވެ.

ގޭބީސިތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރެއްވުމަށް ސަރުކާރުން ހަވާލުކުރައްވާފައި ވަނީ އެސްޓީއޯއާ އެވެ. މިމަސައްކަތުގެ ދަށުން ބެހުމަށް ހަމަޖެހިފައިވާ މުދާ މިހާރު ރާއްޖެއަށް އެތެރެކޮށް ގުދަންކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން މިއަދު ވަނީ މާލެ ސަރަހައްދުގައި ކާޑު ބެހުމުގެ މަސައްކަތް ފަށާފަ އެވެ. މިގޮތުން މާލެ ސަރަހައްދުގައި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. އަދި ރޭގަނޑު 20:30 އިން 23:00އަށެވެ.

ރޯދަމަހު ކާޑު ދޫކުރާނީ ހެނދުނު 9:30 އިން މެންދުރު 13:00އަށް އަދި ރޭގަނޑު 9:00 އިން 11:30 އަށްކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ މާލޭގެ ހަ ސަރަހައްދަކުން ކާޑު ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުންނާއި، މާލެ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައިންނާއި، ސޯޝަލް ސެންޓަރާއި، ވިލިމާލޭ ބިއްރި މިސްކިތުގެ ހޯލާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އުމަރު ޒާހިރު ބިލްޑިން އާއި ދެވަނަ ފިޔަވަހީގެ 10 ވަނަ ހިޔާ ފްލެޓުގެ ޔޫތް ސެންޓަރުން ކާޑު ދޫކުރާނޭ ކަމަށް އެސްޓީއޯއިން ބުނެ އެވެ.