މޭމަތީގައި ދަރިފުޅު ބާއްވައިގެން ނިންދެވުމަކީ ވަރަށް ގިނަ މީހުން ވަރަށް ލޯބިން ކުރާ ކަމެކެވެ. ނަމަވެސް ކުޑަކުދިން ނިދުމަށް ރައްކާތެރި ގޮތްތައް ޕްރޮމޯޓްކުރާ ޖަމިއްޔާއެއް ކަމަށްވާ "ލަލަބީ ޓްރަސްޓް" އިން ބުނަނީ މޭމަތީގައި ބާއްވައިގެން ދަރިފުޅު ނިންދެވުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ ސޯފާގައި، ގޮނޑީގައި ނުވަތަ އެހެން ތަނެއްގައި ވެސް، މޭމަތީގައި ބާއްވައިގެން ކުދިން ނިންދެވުމުން، ނިދީގެ ތެރޭގައި ކުޑަކުދިން މަރުވުން ނުވަތަ ސަޑެން އިންފެންޓް ޑެތު ސިންޑްރޯމް (ސިޑްސް)ގެ ނުރައްކާ 50 ޕަސެންޓަށް އިތުރުވާ ކަމަށެވެ.

ސޯފާގައި ނުވަތަ އަތްގަނޑު ލީ ގޮނޑީގައި އޮވެ، ދަރިފުޅު މޭމައްޗަށް ލައިގެން ނިންދެވުމަކީ ތުއްތު ކުދިންނަށް އެންމެ ނުރައްކާ އެއް ހާލަތު، ނިދާފައި އޮއްވައި ނޭވާ ހާސްވެގެން މަރުވުމުގެ އިތުރުން މިއީ ސިޑްސްގެ ނުރައްކާ ވެސް އެހާ ބޮޑު ގޮތެއްކަން ފާހަގަކުރަމުން ލަލަބީ ޓްރަސްޓްގެ ތަރުޖަމާނަކު ހަފިންޓަން ޕޯސްޓަށް ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނަނީ މޭމަތީގައި ދަރިފުޅު ބާއްވައިގެން ނިންދަވަން އުޅޭއިރު، ތުއްތު ކުއްޖާއަށް ވުރެ ކުރިން، ކުއްޖާ ގޮވައިގެން އޮންނަ މީހާއަށް ނިދޭ ކަމަށެވެ. ކުއްޖާ ވެއްޓި ނުވަތަ ހާސްވުން ފަދަ ކަމަކުން މަރުވުުގެ ފުރުސަތު މިކަމުގެ ސަބަބުން ބޮޑުވަނީ އެވެ. އެހެންވެ އެ ޖަމިއްޔާގެ ލަފަޔަކީ މޭމަތީގައި ބާއްވައިގެން ނިންދަވާއިރު، ތިމާއަށް ނިދިދާނެ ކަމަށް ހީވާ ނަމަ ކުއްޖާ އެހެން ތަނެއްގައި ވަކިން ބާއްވައިގެން ނިންދެވުމެވެ.

ދަރިފުޅަށް ބުއް ޖައްސައިގެން އޮއްވައި ވެސް މައި މީހާއަށް ނިދި ކުއްޖާއަށް ނުރައްކާވާ ފަހަރު އާދެ އެވެ. މިފަދަ ކަމެއް މެދުވެރިވެދާނެ ކަމުގެ ބިރު ހީވާ ނަމަ، ކައިރީގައި އެހެން މީހަކު ބެހެއްޓުން ބުއްދިވެރިކަން ލަލަބީ ޓްރަސްޓުން ބުންޏެވެ.