ސައުދީ އަރަބިއްޔާއަށް ހަނދު ފެނި މާދަމާ އަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުން ކަނޑައަޅައިފި އެވެ.

ސައުދީ އަރަބިއްޔާއަށް ހަނދު ފެނޭތޯ ބެލުމަށް މިއަދު އިރުއޮއްސުނު ވަގުތު އުނޑުމަތި ނުސާފުވުމުން ތުމައިރުގައި ހުންނަ އޮބްޒަވޭޓްރީއަށް ހަނދެއް ނުފެނެ އެވެ. ހަނދު ބެލުމުގެ ހަރަކާތް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މިއަދު ހަވީރު ކުރިޔަށް ގެންދިޔަ އެވެ.

ސައުދީ އަރަބިއްޔާއަށް ހަނދުނު ފެނުނުކަން އެ ގައުމުގެ ރޯޔަލް ކޯޓުން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެއާއެކު އެ ގައުމުގައި މާދަމާ ރޯދަ ހިފަން ފަށާނެ ކަމަށް ސައުދީ ގެޒެޓްގައި ވެސް ބުނެފައިވެ އެވެ.

އިސްލާމީ ކަލަންޑަރުގައި 29 ނުވަތަ 30 ދުވަހުގެ މުއްދަތަށް ރަމަޟާން މަސް ކަނޑައަޅަނީ ހަނދު ފެނުމުގެ މައްޗަށް ބިނާކޮށެވެ. ރޯދަ މަސްތައް ފަށައި ނިންމާލަނީ ވެސް ހަނދު ފެނިގެންނެވެ. އެހެންކަމުން ރަމަޟާން މަހަކީ ކޮންމެ އަހަރަކު ވަކި ދުވަހެއްގައި ފަށަން ކަނޑައެޅިފައިވާ މަހެއް ނޫނެވެ.

ސައުދީ އަރަބިއްޔާގެ ސުދާއިރުގެ އެސްޓްރޮނޮމިކަލް އޮބްޒަވޭޓަރީގެ އޮބްޒަވޭޓަރީ ޔުނިޓުން މިއަހަރުގެ ރަމަޟާން ހަނދު ބެލުމުގެ ކަންތައް މިއަދު ހަވީރު ކުރިޔަށް ގެންދަނީ. މާދަމާއަކީ އެ ގައުމަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް މިހާރު ވަނީ ކަނޑައަޅާފައި.

ސައުދީއަރަބިއްޔާއަށް ހަނދު ފެނުނު ނަމަވެސް އޮސްޓްރޭލިއާ، މެލޭޝިއާ، ފިލިޕީންސް އަދި ބްރޫނާއީ ފަދަ އެހެން ބައެއް ގައުމުތަކުން ވަނީ މާޗް 12 ވަނަ ދުވަހަކީ ރަމަޟާން މަސް ފެށޭ ދުވަސް ކަމަށް މީގެ ކުރިން އިއުލާނުކޮށްފަ އެވެ.

އިސްލާމީ ގައުމެއް ކަމަށްވާ އޮމާންއިން ވެސް ވަނީ އާދީއްތަ ދުވަހުގެ ރޭ ހަނދު ފެނިފައި ނުވާތީ ރަމަޟާން މަސް ފަށާނީ މި މަހުގެ 12 ވާ އަންގާރަ ދުވަހު ކަމަށް ބުނެފަ އެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނޭތޯ ބެލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިއަދު ހަވީރު ކުރިޔަށް ގެންދަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި މިރޭ ހަނދު ސާބިތުކުރުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ ޖަލްސާއެއް ބާއްވާނެ އެވެ. އަދި އެ ޖަލްސާއަށް ފަހު ރާއްޖޭގައި ކަނޑައަޅާ ގޮތެއް އިއުލާންކުރާނެ އެވެ.