ރޯދައަށް ގޭގެ ސާފުކޮށް މާލެގެ މަގުތަކަށް ކުނި ނެރޭ މައްސަލަ ބޮޑުވެފައިވަނިކޮށް ވެމްކޯއިން މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ހިލޭ ކުނި އުކައިދޭން ނިންމައިފި އެވެ.
ވެމްކޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރޯދައާ ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެފައިވާ ކަމަށާއި ކުނި އުކާލުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާ ގުޅިގެން މިއަދުގެ 18:00ން ފެށިގެން ޓްރާންސްފާ ސްޓޭޝަންތަކަށް އާންމު ރައްޔިތުން ގެންނަ ބޮޑެތި ކުނި އަދި ގެތައް ސާފުކުރުމުގައި އުފައްދާ ކުނި ހިލޭ އުކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މި އިންތިޒާމު ހަމަޖައްސާފައިވަނީ މާޗް 13 ވަނަ ދުވަހުގެ ރޭގަނޑު 12:00އާ ހަމައަށް ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
އެ މުއްދަތުގައި އާންމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖް ވެސް ނުނަގާނެ ކަމަށް އިއުލާންގައިވެ އެވެ.
ވެމްކޯ އިން އިތުރަށް ބުނީ އެ މުއްދަތުގައި ޓްރާންސްފާ ސްޓޭޝަނަށް ވިޔަފާރިތަކުން ކުނި އުކާނީ ކުރިއެކޭ ވެސް އެއްގޮތަށް ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ މަގުން ފީ ދެއްކުމަށްފަހު ކަމަށެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުންނާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިހާރެކޭ އެއްގޮތަށް ކިލޯއަކަށް 2.66 ރ. ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ވެހިލްތަކުން އެންޓްރީ ފީގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާ ދައްކަން ޖެހެ އެވެ.
ހިލޭ އުކޭނެ ކުނީގެ ތެރޭގައި ތެތް ކުނި (ކާބޯތަކެތި، ފަނާވާ ޒާތުގެ ކުނި) އިމާރާތް ކުރުމާއި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުން މާދަމާ ޓްރާންސްފާ ސްޓޭޝަންތައް ހުޅުވަން ނިންމާފައި ވަނީ މެންދުރުފަހު 2:00ގަ އެވެ.
ވެމްކޯއިން މި ހިދުމަތް ދޭން ނިންމާފައިވާއިރު، މާލޭގެ މަގުތަކަށް ކުނިއަޅާ މިންވަރު މިފަހަކަށް އައިސް އިންތިހާއަށް އިތުރުވެ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ.