ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް، ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އިންތިހާބު ކޮށްފި އެވެ.

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫންގެ ބަދަލުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޖޭއެސްސީގެ މެމްބަރުކަމަށް މިދިޔަ މަހު އައްޔަންކުރުމުންނެވެ.

އެ މަގާމުގައި ކުރިން ހުންނެވި ޝުޖޫން ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރީ 17 ޑިސެމްބަރުގަ އެވެ. އޭނާގެ މެމްބަރުކަމުގެ މުއްދަތު ހަމަނުވަނީސް، ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވަން ހުސްނުއްސުއޫދު ހަމަޖެއްސި ސަބަބެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް އިންތިހާބުކޮށްފައިވަނީ، އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.

ފަނޑިޔާރު ނިޔާޒު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.