ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރެއްވި އިސްމާއިލް ޒަކަރިއްޔާ ކޮވިޑަށް ފަރުވާ ދެމުން ގެންދަނިކޮށް މިއަދު އަވަހާރަވެއްޖެ އެވެ.

އިސްމާއީލް ޒަކަރިއްޔާގެ ދަރިކަލެއް ކަމަށްވާ އަދި އެމްއެންޑީއެފްގެ މޭޖާ އިބްރާހީމް އާޒިމް "ހުރިހާ" އަށް ވިދާޅުވީ މިއަދު މެންދުރު ފަހު އަވަހާރަވީ ކޮވިޑަށް ފަރުވާދެމުން ގެންދާތާ މަހެއްހާ ދުވަސްފަހުން ކަމަށެވެ.

އޭނާ ވިދާޅުވީ މި މަހު 13 ގައި ކޮވިޑަށް ޕޮޒިޓިވް ވުމާ އެކު ފަރުވާދެމުން އައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަަމަށެވެ. އެކަމަކު އުމުރުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާ ހާލު ބޮޑުވުމުން ފަހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވެސް އޭނާއަށް ފަރުވާދެމުން އައީ އައިސީޔޫގަ އެވެ.

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްގެ ވެސް ބައްޕަ ޒަކަރިއްޔާ އަކީ ސަރުކާރުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅެކެވެ. އަދި 1990ގެ އަަހަރުތަކުގައި ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެމްބަރުކަން ވެސް ކުރެއްވި އެވެ. އާ ގާނޫނުއަސާސީގެ ދަށުން 2009 ގައި ބޭއްވި އާންމު އިންތިހާބުގައި ދުވާފަރު ދާއިރާއަށް ވާދަކުރައްވާ އޭނާއަށް ނާކާމިޔާބުވެވަޑައިގަތީ ވެސް ވަރަށް މަދު ވޯޓުކޮޅަކުންނެވެ.

ރ. ކަނދޮޅުދުއަށް ނިސްބަތްވެވަޑައިގަންނަވާ ޒަކަރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ޔޫތު މިނިސްޓްރީގަ އެވެ.

މިއީ މިބަލީގައި މަރުވި 33 ވަނަ މީހާ އެވެ.