މާލޭގެ މަގުމަތިން އިއްޔެ އެކަނި ވެސް 59.6 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ މާލޭގެ 26 މަގަކާއި ގޯޅިއަކުން ކުނި ނަގާފައިވާ ކަމަށެވެ. އެ ކުނީގެ ތެރޭގައި ގިނަ އިން ހިމެނެނީ ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެއްޗެވެ.

އެކަމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށާއި އުޅަނދު ފަހަރު ދުއްވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

މާލޭގެ މަގުމަތިން ކުނި ނެގި އަދަދުތަކުގެ ތަފްސީލްތަކަށް ބަލާ އިރު، 1.5 ޓަނުގެ 16 ޕިކަޕް ނަގާފައިވާ އިރު، ދެ ޓަނުގެ އެއް ޕިކަޕް، 0.350 ޓަނުގެ 26 ޕިކަޕް، ތިން ޓަނުގެ ހަތް ޕިކަޕް، 3.5 ޓަނުގެ 1 ޕިކަޕް ނަގާފައިވެ އެވެ.

މާލޭގެ މަގުތައް އަދި ހަނި ގޯޅިތަކުގައި އަދަޔާ ހިލާފަށް ކުނި ގިނަވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވަނީ އެކި މީހުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޮޓޯ އާންމުކޮށްފަ އެވެ. ކުނީގެ މައްސަލަ ބޮޑުވެގެން މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ދަނީ މާލެ ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.