އަންނަ މަހުން ފެށިގެން ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމުމާ ގުޅިގެން އެކަން ބަދަލު ކުރުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ގޮވާލައިފި އެވެ.

އެމްޓީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ އެކު، މުދާ އެތެރެ ކުރާ އެންމެހާ ފަރާތްތަކަކީ ވެސް ޑޮލަރުން ކުރަން ޖެހޭ އެންމެހާ ހަރަދުތަކަށް ވެސް ބޭނުންވާ ޑޮލަރު ބޮޑު އަގުގައި ގަންނަން ޖެހޭ ފަރާތްތަކެއް ކަމަށެވެ.

އެގޮތުން މިހާތަނަށް, މުދާ އެތެރެކުރާ ފަރާތްތަކުން ދިވެހި ފައިސާއިން ދައްކަމުން އައި ފީތައް އެމްޕީއެލްއަށް ޑޮލަރުން ދައްކަން މަޖޫބޫރުވެގެން ދިއުމަކީ ވިޔަފާރަވެރިންނަށް ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވާނެ ކަމެއް ކަމަށް އެމްޓީއޭ އިން ބުންޏެވެ. އޭގެ އެއް ސަބަބަކީ ރާއްޖޭގެ ބޭންކުތަކުން ވިޔަފާރިވެރިންނަށްވެސް ބޭނުންވާވަރަށް ޑޮލަރު ގަންނަން ލިބެން ނެތުން ކަމަށް ބަޔާނުގައިވެ އެވެ.

"އޭގެ ނަތީޖާއަކަށް ވެގެންދާނީ, ވިޔަފާރަވެރިން ބޮޑު އަގުދީގެން ޑޮލަރު ގަތުމަށް ކުރާ ހޭދައިގެ ނިސްބަތުން މުދަލުގެ އަގު އުފުލިގެން ދިއުމެވެ." އެމްޓީއޭގެ ބަޔާނުގައިވެ އެވެ.

އެމްޓީއޭ އިން ބުނި ގޮތުގައި މިއީ އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި އަދި ހާއްސަކޮށް ޑޮލަރުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅުގައި ގެނައުން އެންމެ ރަނގަޅު ބަދަލަކަށް ނުވުމާ އެކު، އެމްޕީއެލްގެ ނިންމުމަށް ބަދަލު ކުރަން ގޮވާލާ ކަމަށެވެ.

އަދި ސަރުކާރުގެ ހުރިހާ ކުންފުނިތަކުން ވެސް ދިވެހި ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ދިވެހި ރުފިޔާ އިން ފީ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ދިވެހި ވިޔަފާރިވެރިންނަށް އޭގެ ލުއި ފަސޭހަކަން ލިބި އަދި މުދަލުގެ އަގު އުފުލިގެން ދިޔަ ނުދިނުމަށް ކޮންމެހެން މުހިންމު ކަމަކަށްވާތީ މި އުސޫލު ދެމެހެއްޓުމަށް ގޮވާލާ ކަމަށް ބަޔާނުގައިވެ އެވެ.