2023 ވަނަ އަހަރު ވެފައިވަނީ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންއަށް ކާމިޔާބު އަހަރަކަށެވެ. މިދިޔަ އަހަރު އޭނާގެ ތިން ފިލްމެއް ނުކުމެފައިވާއިރު އޭގެ ތެރެއިން ދެ ފިލްމު ކަމަށްވާ "ޖަވާން"އާއި "ޕަތާން" ވަނީ ބޮކްސްއޮފީހުގެ ރެކޯޑުތައް ވެސް މުގުރާލާފަ އެވެ.

އޭގެ އިތުރުން މިއަހަރު ބާއްވަމުން އަންނަ އެވޯޑް ހަފްލާ ތަކުގައި ވެސް އެ ދެފިލްމަށް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ލިބެމުންނެވެ. އެގޮތުން އިތުރުވި އެއް ބޮޅަކީ ޒީ ސިނޭ އެވޯޑްސް އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ އެވޯޑުސްގައި ޕަތާންއާއި ޖަވާންއަށް ގިނަ އަދަދެއްގެ އެވޯޑު ލިބުނުއިރު އޭގެ ތެރޭގައި އެކްޓިން އަދި ޓެކްނިކަލް އެވޯޑްތައް ވެސް ހިމެނެ އެވެ.

އެގޮތުން ޖަވާން އަށް "ބެސްޓް ފިލްމް"، "ބެސްޓް މިއުޒިކް" އަދި "ބެސްޓް ވީއެފްއެކްސް"ގެ އެވޯޑު ލިބުނުއިރު އަންހެން އަދި ފިރިހެން ކެޓަގަރީއިން ވެސް އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑް ލިބުނީ ޕަތާން އަށެވެ.

ހަމައެއާއެކު ޝާހްރުކް ޚާން އަށް "ބެސްޓް އެކްޓާ - ޕޮޕިއުލާ"ގެ އެވޯޑު ލިބުނުއިރު ހަފްލާގެ ތެރެއިން އޭނާގެ ފޯރިގަދަ ހުށައެޅުމެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ޝާހްރުކް ޚާންގެ އިތުރުން އެވޯޑްގައި ފާހަގަވި އެހެން ތަރިންގެ ތެރޭގައި ރާނީ މުކަރްޖީ، ކިއާރާ އަދްވާނީ އަދި އާލިއާ ބަޓް ހިމެނެ އެވެ.