ދިރާގާއި މަމްސް އެއިޑް ގުޅިގެން ހިންގާ "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް މި އަހަރުގެ ރަމަޟާން މަހު އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މަމްސް އެއިޑަކީ އަންހެނުން، ޚާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެގޮތުން "ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ އާންމުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މަމްސް އެއިޑްގެ އެގްޒެކްޓިވް ޑިރެކްޓަ އަދި ޖެނެރަލް ސެކެޓްރީ، ފާތުމަތު ރިޔާސާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ "ރަމަޟާން އެއިޑް" ކެމްޕެއިނަށް ދިރާގުން ވެދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖްތައް އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންއަޅާލާ މައިންނަށް ފޯރުކޮށްދެވުނު،" އޭނާ ވިދާޅުވި އެވެ.

ދިރާގުގެ މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ މި ބަރަކާތްތެރި ރަމަޟާން މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް އަށް އެއްބާރުލުންދީ މި މުހިންމު މަގުސަދުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް އެ ޖަމިއްޔާއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

ދިރާގުން ދަނީ އަންހެނުން ބާރުވެރިކުރުމަށާއިމުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުން ދެމުންނެވެ.