ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބި އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ބޮލީވުޑްގެ ބޮލޮކްބަސްޓާ ފިލްމު "އެނިމަލް" މީޑިއާނެޓަށް އަންނަން ތައްޔާރު ވެއްޖެ އެވެ.
މި ހިނގާ މާޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ 6:30ގައި މީޑިއާނެޓްގެ ޗެނަލް 862 (ސޮނީ މެކްސް އެޗްޑީ)އިން ފުރަތަމަ ފަހަރަށް ޓީވީއިން އެ ފިލްމު ދުރަށް ދައްކާނެ އެވެ.
ރަންބީރު ކަޕޫރާއި ޓްރިޕްތީ ޑިމްރީ މުހިއްމު ރޯލުތަކުން ފެނިގެންދާ އެ ފިލްމަށް ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ފިލްމުގެ ވާހަކައަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ސިނަމާތަކަށް ނެރުނު އެނިމަލްއަކީ އަނިޔާވެރިކަން ޕްރޮމޯޓްކުރާ ފިލްމެއް ކަމަށް ބުނެ އެ ފިލްމާ ދެކޮޅަށް ވެސް ކެމްޕެއިނެއް ހިންގި އެވެ.
އެއާއެކު ވެސް "އެނިމަލް" ވެފައިވަނީ 2023 ވަނަ އަހަރު ނުކުތް ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށެވެ.
އެނިމަލް މީޑިއާނެޓުން ދުރަށް ދައްކާއިރު މުނިފޫހި ފިލުވުމުގެ ދާއިރާއިން ފާހަަގަކޮށްލެވޭ އެންމެ ފަހުގެ ކޮންޓެންޓް ގެނެސްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރެ އެވެ.