މިދިޔަ މަހު މީރާއަށް 2.33 ބިލިއަން ރުފިޔާ ދެއްކިއިރު، ޑޮލަރުން ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.

މިދިޔަ މަހު ލިބުނު ދައުލަތަށް 100.34 މިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ ޖެނުއަރީ މަހު 102.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މިދިޔަ މަހު ލިބުނު އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 33.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، ފެބުރުވަރީ 2024 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 22.3 ޕަސެންޓް ގިނަ އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު ފެބުރުވަރީ 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މި ގޮތުން، ޖެނުއަރީ 2023 އާ އަޅާބަލާއިރު ޖެނުއަރީ 2024 ގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 11.5 ޕަސެންޓް އިތުރުވުމުގެ ސަބަބުން، މިދިޔަ މަހު ޓީޖީއެސްޓީގެ ގޮތުގައި ދެއްކި އާމްދަނީ ފެބުރުވަރީ 2023 އާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިން އާމްދަނީ ނަގަން ފަށައިފައި ވަނީ 2023 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ކަމަށްވާތީ، އެ އަހަރުގެ ފެބުރުއަރީ މަހު މި އާމްދަނީ ބަލައިގަނެފައި ނުވާތީ އަދި މިދިޔަ މަހު މި އާމްދަނީ ބަލައިގަނެފައި ވާތީ، މިދިޔަ އަހަރާއި އަޅައިބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާ އިން ބުނެ އެވެ.

" ހަމައެއާއެކު، ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ސުންގަޑިއަށް ދައްކައިފައިނުވާ ބައެއް ފައިސާ، މި މުއްދަތުގެ ތެރޭގައި ލިބިފައިވާތީ، ފެބުރުވަރީ މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވޭ،" އެ އިދާރާއިން ބުންޏެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން އަދި ބޭންކް އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ސުންގަޑިއަށް ދައްކައިފައި ނުވާ ބައެއް ފައިސާ މި މުއްދަތުގެ ތެރޭގައި ލިބިފައިވުމެވެ. މީގެ އިތުރުން، ޖެނެއަރީ 2024 ގައި ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ހަތަރު ޕަސެންޓް އިތުރުވުމުގެ ސަބަބުން، މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.

ފެބުރުވަރީ 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 70.1 ޕަސެންޓް ނުވަތަ 1.63 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.6 ޕަސެންޓް ނުވަތަ 246.36 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 102.85 މިލިއަން ރުފިޔާ (4.4 ޕަސެންޓް)، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 91.08 މިލިއަން ރުފިޔާ (3.9 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 89.48 މިލިއަން ރުފިޔާ (3.8 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 168.78 މިލިއަން ރުފިޔާ (7.2 ޕަސެންޓް) ލިބިފައިވެ އެވެ.