ކުއްލި ހާލަތުގައި ބަލި މީހުން އުފުލަން އެތެރޭގެ އެއާ އެމްބިއުލާންސްގެ އުދުހުންތަކަށް ބޭނުންކުރަން އެކަމަށްޓަކައި ހާއްސަކޮށް ސީޕްލޭނެއް ތައްޔާރުކޮށް މާދަމާ ފަށަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށްޓަކައި ފެށި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސީޕްލޭންގެ ޚިދުމަތް މާދަމާ ފެށުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އެ ބޯޓުގެ ފޮޓޯއެއް ރައީސް މުހައްމަދު މުއިއްޒު ވަނީ އެކްސްގައި ޕޯސްޓްކުރައްވައިފަ އެވެ. އެ ފޮޓޯ އިން ފެންނަގޮތުގައި މޯލްޑިވިއަނުން އާއްމުކޮށް ބޭނުންކުރާ ސީޕްލޭނެއްގެ ބޭރުގައި، އެއާ އެމްބިއުލާންސްގެ ނަން ޖަހައި ޑިޒައިން ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް އެތެރެއަށް ގެނައި ކޮން ބަދަލެއް ކަމެއް ސާފެއް ނުވެ އެވެ.

މި އެއާ އެމްބިއުލާންސްގެ ބޭރުގެ ޑިޒައިން ވެސް ހުރީ މި މަހު ފުރަތަމަ ދުވަހު ބޭނުންކުރަން ފެށި ޑޭޝް-8 ގެ ބޯޓާ އެއްގޮތަށެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭނެއް ބޭނުންކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ ޑިސެމްބަރު 29، ގަ އެވެ.