ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިސް އިންތިޚާބާ ދިމާކޮށް ދާދިފަހުން އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކަކީ ތަހުގީގު ކުރެވެން ޖެހޭނެ ދަތުރުފުޅުތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނ. ކެނދިކުޅުދޫ ކައުންސިލުން ރައީސް މުއިއްޒުގެ ދަތުރުފުޅުތަކަކީ ސިޔާސީ ބޭނުމެއްގައި ކުރެއްވި ދަތުރުފުޅުތަކެއް ކަމަށް ބުނެ ބަޔާން ނެރުމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކަން ކުށްވެރިކޮށް އެ ކައުންސިލަށް ބަޔާން ބާތިލް ކުރުމަށް މަޖުބޫރު ކުރުމުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން ބަންޑާރަ ނައިބު އެ ދެއްވީ ލަފާއެއް ކަމަށާއި ރައީސް މުއިއްޒު އެ ލަފާޔާ އެއްގޮތައް އަމަލު ކުރުމަކީ ލާޒިމްކަމެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ބަންޑާރަ ނައިބު އެގޮތަށް ވިދާޅުވުމުން ދޭހަވަނީ ރައީސް މުއިއްޒުގެ ދަތުރުފުޅުތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށާއި އެހެންކަމުން އެ ދަތުރުފުޅުތައް ތަހުގީގު ކުރެވެން ވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ބަންޑާރަ ނައިބު އެޔޮތީ ލަފަޔެއް ދީފައި. އެއީ ލޯކަލް ގަވަމެންޓް އޮތޯރިޓީން އެ ކުރީ ގޯހެއް ކަމަށް. އެހެންވީމާ އޭނާ ތާއީދު އެ ލެންޑް ކުރަނީ ކެނދިކުޅުދޫ ކައުންސިލުން ބުނި ވާހަކައަކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އެޔޮތީ ލަފަޔެއް ދީފައި. އެއީ ލޯކަލް ގަވަމެންޓް އޮތޯރިޓީން އެ ކުރީ ގޯހެއް ކަމަށް. އެހެންވީމާ އޭނާ ތާއީދު އެ ލެންޑް ކުރަނީ ކެނދިކުޅުދޫ ކައުންސިލުން ބުނި ވާހަކައަކަށް،
ރައީސް ޔާމީން

އެ މަނިކުފާނު އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބާ ދިމާކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަައުލަތުގެ ލޯންޗްކޮޅުގައި އިންނަ ނިޝާންގައި ޕެޗް އަޅައިގެން ދަތުރު ކުރެއްވުމުން އެ ވާހަކަ އެންމެ އަޑުހަރުކޮށް ދެއްކެވި ފަރާތްތައް މިއަދު ސަރުކާރުގައި އެބަ ތިބި ކަމަަށެވެ.

ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކުގައި ކެމްޕެއިން ކުރައްވާތީ ނުރުހުން ފާޅުކޮށް، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި މައްސަލާގައި އެ އޮތޯރިޓީގެ ވެރީން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ހާޒިރު ކުރަން މިހާރު ވަނީ ނިންމާފަ އެވެ.

އެލްޖީއޭގެ މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ހުށައެޅީ އެ ރަށް ހިމެނޭ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައެވެ. އޭނާގެ އެ ހުށައެޅުމާ ގުޅިގެން އެލްޖީއޭގެ ވެރީން ކޮމެޓީއަށް ހާޒިރު ވަނީ ފާސްކޮށްފަ އެވެ.