ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރުމާއި މޮނިޓާކުރުމުގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް އެދި ހުށައެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ މި ފުރުސަތު އަލުން ދިނުމަށް ނިންމީ އިންތިޚާބު ބާއްވާ ތާރީހު ބަދަލުވުމުން ކަމަށެވެ. ކުރިން މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައި ވަނީ މިމަހުގެ އިއްޔެ އެވެ. ނަމަވެސް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އަންނަ މަހުގެ 21 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އޮބްޒާވްކުރުމާއި މޮނިޓާކުރުމުގެ އިތުރުން މަންދޫބަކަށްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމަށް ނިންމާފައި ވަނީ މާދަމާއިން ފެށިގެން 21 ވަނަ ދުވަހާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުން މިހާތަނަށް ޖުމްލަ 9،942 މީހަކު އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާފައިވެ އެވެ. އެގޮތުން 5،032 މީހަކު މޮނިޓާކުރުމަށް އެދި ކުރިމަތިލާފައިވާއިރު 2،968 މީހަކު އޮބްޒާވްކުރުމަށް އެދި ކުރިމަތިލާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި 1،942 މީހަކު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާފައިވެ އެވެ.

އެ ކޮމިޝަނުން ވަނީ މަންދޫބުން ބަދަލުކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުޞަތު އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިންތިޚާބުތަކުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވާނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އިންތިޚާބުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކެވެ. އަދި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިލެކްޝަނުން ހުއްދަ ދޫކުރާ ފަރާތްތަކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުން ކަމަށެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދީގެން ނުވާނެ ކަމަށް އެކޮމިޝަނުން ބުނެ އެވެ.