މި ހިނގާ ރަމަޟާން މަހު އުމްރާގެ މަތިވެރި އަޅުކަމަށް ދާ ހައްޖާޖީންނަށް އެއްފަހަރަށްވުރެ ގިނަ ފަހަރު އުމްރާ ތަކުރާރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލައިފި ކަމަށް ސައޫދީ އަރަބިއާއިން ބުނެފި އެވެ.

އެގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް އެކަން ނިންމާފައިވަނީ ރަމަޟާން މަހު ހަރަމްފުޅުގައި ތޮއްޖެހުން ކުޑަ ކުރުމުގެ ގޮތުންނާއި ހުރިހާ ހައްޖާޖީންނަށް ފަސޭހަކަމާއެކު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ހައްޖާޖީން ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން "ނުސުކް" މެދުވެރިކޮށް ހުއްދައަށް އެދިއްޖެނަމަ އެކަން ކޮށްދެވެން ނެތް ކަމަށް ބުނާ މެސެޖެއް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެއާއެކު އުމްރާގެ އަޅުކަން އަދާކުރުމަށް އެޕްލިކޭޝަނުން އެ ހައްޖާޖީއަކަށް ކަނޑައަޅާފައިވާ ވަގުތަށް ކަމޭހިތުން ވަރަށް މުހިއްމު ކަމަށާއި ބޭނުންނަމަ ލިބިފައިވާ އެޕޮއިންޓްމަންޓް ކެންސަލްކޮށް ޖާގަ އޮތްނަމަ އެހެން ވަގުތަކަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ވެސާ މިނިސްޓްރީއިން ބުނެފައިވެ އެވެ.

ރަމަޟާން މަހު ހަރަމްފުޅުގައި ތޮއްޖެހިގެން ހިނގާ ހިތާމަވެރި ހާދިސާތައް މަދު ކުރުމުގެ ގޮތުން ކަނޑައެޅިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިއްމުކަން މިނިސްޓްރީއިން ފާހަގަ ކޮށްފައިވެ އެވެ.

ރަމަޟާން މަހަކީ އެންމެ ގިނަ އަދަދެއްގެ މީހުން އުމްރާގެ އަޅުކަން އަދާކުރަން ސައޫދީއަށް ދާ ދުވަސްވަރަކަށް ވާއިރު ކޮންމެ އަހަރަކު ވެސް ރަމަޟާން މަހާ ދިމާކޮށް ހަރަމްފުޅުގައި ތޮއްޖެހުމުގެ މައްސަލަ ކުރިމަތިވެ އެވެ.