މަޝްހޫރު ގިން ޓީވީ ސީރީޒްތަކަކުން ފެނިފައިވާ ތަރި ކަަރަން ޕަޓޭލްގެ ފާޑުކިޔުން ސަލްމާން ޚާންގެ މަގުބޫލު ޝޯ "ބިގްބޮސް" އަށް އަމާޒުވެއްޖެ އެވެ.
އެ ޝޯއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ އެއީ "ބޭކާރު" ޝޯއެއް ކަމަށާއި ފަންނާނުންގެ ނަމުގައި އެ ޝޯއަށް ދައުވަތު ދެނީ "ޖޯކަރުންނަށް" ކަމަށެވެ.
ކަރަން އިޝާރާތް ކޮށްފައިވަނީ ބިގްބޮސްގެ ގެއަށް ދައުވަތު ދޭ އާއްމުންގެ މެދުގައި މަގުބޫލު ޔޫޓިއުބަރުންނާއި ޓިކްޓޮކް ފަންނާނުންނަށެވެ. އެ ފަދަ މީހުންނަށް މިފަހުން ބިގުބޮސްގައި ޖާގަ ދެވިފައިވެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ކަރަން ވަނީ ޓިކްޓޮކް ފަންނާނުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން 30 ސިކުންތުގެ ވީޑިއޯއެއް ކުޅެގެން މީހަކު "އެކްޓަރަކަށް" ނުވާނެ ކަމަށް އޭނާ ބުންޏެވެ.
ބައިވެރިއެއްގެ ގޮތުގައި ބިގްބޮސްއަށް ވަނުމުގެ ދައުވަތު މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ކަރަންއަށް ލިބުނު ނަމަވެސް އެއަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ. ބިގްބޮސްގައި އޭނާ ފެނިގެންދިޔައީ ހަމައެކަނި މެހެމާނެއްގެ ގޮތުގަ އެވެ.
މިއާއެކު "ކަސްތޫރީ"، "ޔޭ ހޭ މޮހައްބަތެއިން" އަދި "ޚަތުރޯންކީ ކިލާޑީ" ފަދަ ޝޯތަކުން މަޝްހޫރުކަން ހޯދާފައިވާ ކަރަން ބިގްބޮސްއިން ނުފެންނާތީ ގިނަ ބަޔަކު ކުރާ ސުވާލުތަކަށް ވަނީ ޖަވާބު ލިބިފަ އެވެ.