އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އާއި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ކެމްޕެއިން މިއަދު ފައްޓަވައިފި އެވެ.

މަޖިލިސް ކެމްޕެއިންގައި ރައީސް ވަނީ ބުރާސްފައްޗާއި ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން 3:00 މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު ބެއްލެވުމަށް ނިންމަވައިފަ އެވެ. މި ކެމްޕެއިންގައި ރައީސް ފުރަތަމަ ވަޑައިގަތީ ސޯސަން މަގުގެ ބައެއް ގެތަކަށާއި ބޮޑުތަކުރުފާނު މަގާއި ރޯޝަނީ މަގު އަދި އެހެން ބައެއް މަގުތަކުގައި އުޅޭ މީހުންގެ ބައެއް ގޭގެއަށެވެ.

ރައީސް މާލޭގައި ކެމްޕެއިން ކުރައްވަން ފެއްޓެވި އިރު، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ދާދި ފަހުން ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައިފަ އެވެ. ރައީސް ވަނީ ގިނަ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އެމަނިކުފާނު ދަތުރުފުޅު ރޯދަ އަށް މެދުކަނޑާލެއްވި އިރު، 150 ރަށެއްގެ ކައުންސިލާ ބައްދަލު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ. ޕީއެންސީގެ ޓިކެޓުގައި މަޖިލީސް އިންތިޚާބަށް 89 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މަޖިލިސް އިންތިހާބުގައި 284،887 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު، ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތިން ގައުމަކާ އެކީގައި 602 ވޯޓު ފޮށި ބަހައްޓާނެ އެވެ.