މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުތަކަށް އަދިވެސް ކުނި އަޅަމުންދާ ކަމަށެވެ. އެހެންވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ދުވާރު މަތީގައި އާއި ގޯޅި ކަންމަތީގައި ވެސް ކުނިތައް ބަހައްޓާ ކަމަށް ބުނެފައިވެ އެވެ.

މަގުތަކަށް ކުނި އަޅާ މީހުން ހޯދައި އެމީހުންނާ ދެކޮޅަށް ސިޓީ ކައުންސިލުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.

މާލޭގެ މަގުތައް ސާފު ތާހިރުކޮށް ބެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިއްޔެ އެކަނި ވެސް ޖުމުލަ 22.3 ޓަނުގެ ކުނި ވަނީ ނަގައިފަ އެވެ. ކުނި އަޅާ މީހާ ނުވަތަ ބަޔަކު ދެނެގަނެވިފައިވާ ނަމަ އެމީހަކު ނުވަތަ އެ ބަޔަކު އެޅި ކުނި އެމީހުން ލައްވާ ނަގުވައި މަގު ސާފު ކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

މިދިޔަ ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް އައިއިރު، 100 އަށްވުރެ ގިނަ މީހުން މާލޭގެ މަގުތަކަށް ކުނި އަޅައިގެން ވަނީ ޖޫރިމަނާކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ޖޫރިމަނާކޮށްފައި ވަނީ ވީޑިއޯ ފޫޓޭޖް ބަލައިގެންނެވެ.

ކޮންމެ މީހަކު ވެސް ޖޫރިމަނާ ކުރަނީ 500ރ. އިންނެވެ.

ރަމަޟާން މަހާ ދިމާކޮށް މާލޭގެ ވަރަށް ގިނަ ގެތަކުން ސާފު ކުރިއިރު، ފަރުނީޗަރާއި ގޭގައި ހިފާ ގެންގުޅޭ ތަކެތި ވަނީ މަގުމައްޗަށް އުކާލުމުން މި ދޭތެރެއިން މަގުތައް ވަރަށް ބޮޑަށް ހަޑިވި އެވެ.